ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އޮފީސްތަކެއް އަޅަން މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އާއެކު ވީ އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި އާދަމް ޝަރީފް ދާދި ދެންމެއަކު ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބަސްވުން ބާތިލުކުރި ނަމަވެސް ހެކްސްޓާ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ.
"55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާ އާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައި، އެއީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން، މި އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ،" އާދަމް ޝަރީފް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ 55 ރަށުގެ ކައުންސިލް އިމާރާތް އެޅުމަށް ކުރިން ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ޕްރޮޕޯޒަލް އަލުން އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަމަށްފަހު އެ މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ ކުންފުނީގެ ނަން އާދަމް ޝަރީފް ހާމަނުކުރެއްވި ނަމަވެސް 55 ރަށުގެ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މި ސަރުކާރާ ގާތްގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއަށްކަން "އަދަދު" އަށް ވަނީ އެނގިފަ އެވެ.
އިތުބާރު ހުރި މަސްދަރަކުން ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދެމުން ބުނީ، ހެކްސްޓާއާ ހަވާލުކުރި ކައުންސިލުތައް އަޅަން އާރުސީސީއާ ހަވާލުކުރީ އެއްބަސްވުން ބާތިލުކުރިކަން އެ ކުންފުންޏަށް އެނގިގެން، އެ މަޝްރޫއު ކުރިއަށް ގެންދަން އާރުސީސީގެ ހުށަހެޅުމެއް ލިބިގެން ކަމަށެވެ.
އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވެފައި ވަނީ ހެކްސްޓާއާ އެކީ ސޮއިކުރި ގޮތަށް މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އޭނާ ބުންޏެވެ. އަދި އެއްބަސްވުމުގެ ދަށުން އާރުސީސީއަށް ފައިސާ ދެނީ ވެސް ހެކްސްޓާއާ އެއްބަސްވީ ގޮތަށް ޑޮލަރުން ކަމަށް އޭނާ ބުންޏެވެ.
ކުރިން އޮތް ގޮތަށް އެއްބަސްވުމުގައި ސޮއިކުރި ނަމަ، ކައުންސިލު އިމާރާތްތައް އަޅަން ހިނގާނެ ކަމަށް ސަރުކާރުން ބުނެފައިވާ 36 މިލިއަން ޑޮލަރު ހަރަދުކުރާނީ އާރުސީސީންނެވެ. ސަރުކާރުން މި ތަންތަނަށް ފައިސާ ދައްކަން ޖެހޭނީ އެ ކުންފުނިން އިމާރާތްކޮށް ނިންމައި، ތަން ހަވާލުކުރާތާ ހަ މަސްދުވަސް ފަހުންނެވެ.
ހެކްސްޓާގެ އަމިއްލަ ހަރަދުގައި އިމާރާތްކުރުމަށް ފަހު ސަރުކާރުން ފަހުން ފައިސާ ދައްކާ ގޮތަށް 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ.
ރަށްރަށުގައި އާ ކައުންސިލު އޮފީސްތައް އިމާރާތްކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަށެއްގައި ކައުންސިލުތައް އަޅާއިރު، އޭގެ ތެރެއިން 50 ތަނެއް އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. މިހާރު އާރުސީސީއާ ހަވާލުކޮށްގެން މި އުޅެނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ ގޮތަށް އޮތް ބަޔެވެ.
ހެކްސްޓާ އާއެކު ވީ އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން: އާދަމް ޝަރީފް ހެކްސްޓާ އާއެކު ވީ އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ