ޤުރުއާނާއި މިސާލު: ދެކޮޅުވެރިކަމުގައި ތިބި ގިނަ ސާހިބުންގެ އަޅު

ސޫރަތުއްޒުމަރުގެ 29 ވަނަ އާޔަތުގައި ﷲ މިސާލެއް ޖައްސަވަ އެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަ އެވެ: "ދެކޮޅުވެރިކަމުގައި ތިބި އެތައް ސާހިބުން މިލްކުކުރާ އަޅު ފިރިހެނަކާއި އެންމެ ސާހިބަކަށް ޚާއްސަވާ އަޅު ފިރިހެނެއްގެ މިސާލު ﷲ ޖެއްސެވި އެވެ. މިސާލުގެ ގޮތުން އެ ދެ މީހުން ހަމަހަމަވާނޭ ހެއްޔެވެ؟ ޙަމްދު ހުރީ ﷲ އަށެވެ. އަދި ކިއެއްތަ! އެމީހުން ކުރެ ގިނަ މީހުންނަކަށް ނޭނގެ އެވެ."
މި މިސާލު ރަނގަޅަށް ދެނެގަތުމަށްޓަކައި އެނގެން ޖެހޭ ބަހެއް މި އާޔަތުގައިވެ އެވެ. އެ ބަހަކީ މުތަޝާކިސޫން އެވެ. މި ބަހުގެ މާނަޔަކީ އަޅު މީހާގެ ސާހިބުން ނުވަތަ ވެރިންނެވެ. މުތަޝާކިސޫންއަކީ ޚުލްގު ނުބައި ދަހިވެތި ނުބައި ސާހިބުންނެވެ. އެފަދަ ސާހިބުން އަޅުންނަށް ހެޔޮކޮށް ނުހިތާނެ އެވެ. ހަމަ އެގޮތަށް އެފަދަ ސާހިބުން އެކެއް އަނެކާއަށް ވެސް ހެޔޮކޮށް ނުހިތާނެ އެވެ.
މި މިސާލުން ދެ ކަމެއް ދައްކައިދެ އެވެ. އެއިން ފުރަތަމަ ދައްކަނީ ޝިރުކާއި ތައުހީދުގެ މެދުގައި ހުރި ބޮޑު ތަފާތެވެ. ދެން އެއިން ދައްކަނީ ޝިރުކާއި ތައުހީދުން އިންސާނުންނަށް ކުރާ އަސަރެވެ. ދެކޮޅުވެރިކަމުގައި ތިބި ހައެއްކަ ސާހިބުން ހިއްސާކުރާ އަޅު ފިރިހެނާއަށް ނަޒަރު ހިންގަވާށެވެ. ކޮންމެ ސާހިބަކު އުޅޭނީ އޭނާގެ ކަންކަން އަޅު މީހާ ނުކޮށްދީގެންނެވެ. އަޅު ފިރިހެނާ އެއް ސާހިބުގެ ކަމަކަށް ދާއިރަށް އަނެއް ސާހިބަކު އޭނާގެ ބޭނުމެއް ފުރިހަމަކޮށްދިނުމަށް ގޮވާނެ އެވެ. ނަތީޖާއަކަށް ވާނީ ކުރަންވީ ކޮން ސާހިބެއްގެ މަސައްކަތްކަން އޭނާއަށް ނޭނގުމެވެ. އަނެއްކޮޅުން އެއްވެސް ސާހިބެއްގެ މަސައްކަތް ނުކޮށްފިއްޔާ އެ ސާހިބަކު އޭނާއަށް އަދަބު ދޭނެ އެވެ. އެންމެ ފަހުން އޭނާގެ ބޯގޮވާ ހިސާބަށް ދާނެ އެވެ. މިގޮތަށް އުޅެން ޖެހޭ އަޅަކު ދާދި އަވަހަށް ގޮތް ހުސްވެ ނިމިދާނެ އެވެ. މިއީ ޝިރުކުގައި އުޅޭ މީހުންނަށް ނުވަތަ ޝަރީކުކުރާ މީހުންނަށް ޖެހޭނެ ދަތުރެވެ.
މިގޮތަށް މީހަކު އެތައް ސާހިބުންގެ އަޅަކަށް ވުމުން އޭނާއަށް ހަމައެކަނި ހަމަޖެހުން ނުލިބެނީކީ ނޫނެވެ. އޭނާ ތަޖުރިބާކުރަން ޖެހެނީ ލާއިންސާނީ އަމަލުތަކެވެ. ރުޅިވެރިކަމުގައި ތިބި ސާހިބުންނަށް އޭނާ ފެންނާނީ ދަށު ދަރަޖައިގެ މަޚުލޫގެއްގެ ގޮތަށެވެ. އިންސާނަކަށް ހިތާ ހިތުން އޭނާއަކަށް ނުހިތާނެ އެވެ. މިއީ ޝަރީކުކުރުމުގެ ނުވަތަ ހިއްސާކުރުމުގެ ހިތި ނަތީޖާ އެވެ.
އެންމެ ސާހިބަކު ގެންގުޅޭ، ސުލްހަވެރިކަމާއި އަމާންކަމުގައި އުޅޭ އަޅު ފިރިހެނަކަށް ބައްލަވާށެވެ. އަޅު މީހާ އުޅޭނީ ވަރަށް ހަމަޖެހިގެންނެވެ. އޭނާ ކުރަން ޖެހޭނީ އޭނާގެ ސާހިބު މީހާ އަންގާ ކަންކަމެވެ. މިކަމުގެ ސަބަބުން އޭނާ އުޅެނީ ހަމަޖެހިގެން ސުލްހަވެރިކަމުގަ އެވެ. ހަދާނެ ގޮތެއް ނޭނގިގެން ހާސްކަމުގައި އޭނާ ހުންނާކަށް ނުޖެހޭނެ އެވެ. އަދި ދާންވީ ސާހިބެއް ނޭނގިގެން އޭނާގެ ބޯގޮއްވާކަށް ނުޖެހޭނެ އެވެ. އަދި ސާހިބު މީހާ ދައްކާ ކަންކަން ނުކުރެވިގެން އަދަބު ލިބޭ އަޅަކަށް ވެސް އަޅު މީހާ ނުވެ އެވެ. މިއީ ތައުހީދުގެ މަތީގައި ތިބެ އެންމެ ސާހިބަކަށް (އިލާހަކަށް) އަޅުވެތިވާ އަޅު މީހާގެ ހާލަތު ހުންނާނެ ގޮތެވެ.
ހެޔޮލަފާ އެންމެ ސާހިބަކު ގެންގުޅޭ އަޅު މީހާ ސުލްހަވެރިކަމުގައި ހަމައެކަނި އުޅޭނީކީ ނޫނެވެ. އެކަމަކު އެފަދަ އަޅަކު އުޅޭނީ އިންސާނީ ކަރާމަތާއި އިއްޒަތާއި ގަދަރުގަ އެވެ. ކިޔަމަންތެރިކަމާއި ވަފާތެރިކަމުގައި އުޅޭހާ ދުވަހަކު އަޅު މީހާއަށް އޮތް ނުރައްކަލެއްނުވެ އެވެ. އޭނާ ދިރިއުޅޭނީ އިހުތިރާމް ލިބިގެންވާ އިންސާނެއްގެ ގޮތުގަ އެވެ.
ރަސޫލުﷲ ދީނަށް ގޮވައިލެއްވިއިރު މައްކާގެ މުޝްރިކުންގެ އެތައް ބައިވަރު އިލާހުން ނުވަތަ ކަލާނގެތައް ހުއްޓެވެ. އެއިން ކޮންމެ އިލާހަކީ ބުދެކެވެ. ބައެއް ފަހަރު އެ ބުދު ހަދާފައި ހުންނަނީ ގަލުންނެވެ. އަނެއްބައި ފަހަރު އެ ބުދު ހަދާފައި ހުންނަނީ ލަކުޑި ފަދަ އެއްޗަކުންނެވެ. އެމީހުން އެކި ކަންކަމަށް އެދެނީ އެކި ބުދުގެ ކިބައިންނެވެ. އެއިން އެއްވެސް ބުދެއްގެ ފަރާތުން އެއްވެސް ކަމެއް ނުވާއިރު ވެސް އެމީހުން އެއިން ކޮންމެ ބުދަކަށް އަޅުކަންކުރި އެވެ. އަދި ކަންކަމަށް އެދި އެއިން ކޮންމެ ބުދެއްގެ ކިބައިން އެދުނެވެ. ޝަރީކުކުރަން އެމީހުން ބޭނުންކުރި އެއްވެސް ބުދެއް އެމީހުންނަށް ކަމޭހިތައި އެމީހުންނަށް މާތްކަމެއް ނުދެ އެވެ.
މި މިސާލުން ލިބޭ ފިލާވަޅަކީ އިންސާނުން ޝަރީކުރަން ޖެހޭ އެއްވެސް ސަބައެއް ނެތް ކަމެވެ. އަދި ޝިރުކުގެ ތެރެއަށް އިންސާނާ ވެއްޓެން ޖެހޭ ސަބަބެއް ވެސް ނެތްކަމެވެ. ސަލާމަތް ބުއްދިން ވިސްނާލުމުން ކޮންމެ އިންސާނަކަށް ވެސް ކަށަވަރުވާނެ ކަމަކީ ބައިވަރު އިލާހުން ނުތިބޭނެކަމެވެ. މިސާލު ނިންމަވަމުން ﷲ އަންގަވަނީ ޙަމްދު ހުރީ ﷲއަށް ކަމެވެ. މާނަޔަކީ ޝުކުރާއި ތައުރީފް ހުރީ ހަމައެކަނި އެކަލާނގެއަށް ކަމެވެ. އިންސާނުންކުރަން ޖެހޭ ކަމަކީ އަނދިރިކަމާއި ގާފިލުކަމާއި ޖާހިލުކަމުން ނުކުމެ ﷲއަށް އީމާންވެ އެކަލާނގެއަށް އެކަނި އަޅުކަން ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ