ބޮޑެތި ގައުމުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅާއިރު، ރާއްޖޭން ވެސް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ: އެމްޑީޕީ
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ކުރިއަށް ހުރި ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވުމަށްޓަކައި އަވަށްޓެރި އަދި ބޮޑެތި ގައުމުތަކުން ފިޔަވަޅު އެބަ އަޅާ ކަމަށާއި، މި ދަނޑިވަޅުގައި ރާއްޖެއަށް މުހިންމީ ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން ކަމަށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު މިއަދު ވިދާޅުވެއްޖެއެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، އާންމުކޮށް ތެޔޮ އުފައްދާ ގައުމުތަށް ކަމަށްވާ ޔޫއޭއީއާއި ސަޢޫދީ ޢަރަބިއްޔާއާއި ޢިރާޤުން ވަނީ، ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ އަދަދު މަދުކޮށްފައެވެ. އަދި ތެޔޮ އުފުލަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅިން ކުރެވޭ ދަތުރުތައް އީރާނުން ކޮންޓްރޯލް ކޮށްފައިވުމުން ތެލާއި ގޭހުގެ ސަޕްލައި ޗެއިންއަށް ވަނީ ބުރޫ އަރައިފައެވެ. އެ މައްސަލަތަކުގެ ސަބަބުން، ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. އަދި ތެޔޮ މަދުން ލިބޭނެ ހާލަތަކަށް ތައްޔާރުވުމަށް ޓަކައި ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި އޭޝިއާގެ ގައުމުތައް ވެސް ހިމެނޭއިރު، އެ ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި، ސަރުކާރުގެ މުވައްޒަފުންގެ މުސާރަައާއި ދަތުރުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި ޢަމްރު ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައިގެ މި ދަނޑިވަޅުގައި ބޮޑެތި ގައުމުތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅައި، ސަރުކާރުން ރައްޔިތުންނަށް ވާނުވާ އަންގަމުން އަންނަ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އަވައްޓެރި ސްރީލަންކާ ނަންގަވައި ޢަމްރު ވިދާޅުވީ، ސްރީލަންކާއަށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެ ގައުމުގެ މައި އެއާލައިން "ސްރީލަންކަން އެއާލައިންސް"ގެ ފުލައިޓުތަކުގެ ޓިކެޓުތަކުގެ އަގުތައް ތިރިކުރަމުން އަންނަ ކަމަށެވެ. ސްރީލަންކަން އެއާލައިންސްގެ ޓިކެޓުތަކުގެ އަގު ދަށްކުރި ނަމަވެސް، އެ ގައުމުގެ މުޅި އިގުތިޞާދަށް ހެޔޮ އަސަރެއް ކުރާ ކަމަށް ޢަމްރު ވިދާޅުވިއެވެ. އޭގެ އިތުރުން، ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރުންވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، އިންޑިއާއާއި ފިލިޕީންސާއި މެލޭޝިއާއާއި ޖަޕާނު ފަދަ ބޮޑެތި ގައުމުތަކުންވެސް މި ދަނޑިވަޅުގައި ފިޔަވަޅުތައް އަޅައި، ތައްޔާރީތައް ވަމުން އަންނަ ކަމަށް، އޭނާ ވިދާޅުވިއެވެ. އެ ގައުމުތަކާ ޚިލާފަށް ރާއްޖެއަކީ އެއްވެސް އެއްޗެއް އުފައްދާ ގައުމެއްނޫން ކަމާއި، ރާއްޖެ އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށްކަން ޢަމްރު ފާހަގަކުރެއްވިއެވެ. "އެހެންވީމާ، މިވަގުތު އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ ފިޔަވަޅުތައް އަވަސް އަވަހަށް އެޅުން،" ޢަމްރު ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޮވިޑް-19ގެ ދުވަސްވަރު އަމަލުކުރި ގޮތަށް އިޝާރާތްކުރައްވައި ޢަމްރު ވިދާޅުވީ، ޗައިނާއިން ކޮވިޑު ފެނުނު ހިސާބުން ރާއްޖޭން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ފެށިކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އެ ދުވަސްވަރު ބޭނުންވި ސާމާނު ދެ މަހެއްހާ ދުވަހުގެ ތެރޭ ލިބުނު ކަމަށާއި، އެހެން ގައުމުތަކަށް ދިމާވެފައިވާ ކަންކަން ދިމާނުވި ކަމަށް، ޢަމްރު ވިދާޅުވިއެވެ. "އެހެންވީމާ އެގޮތަށް ތައްޔާރުވެގެން އަޅުގަނޑުމެންނަށް މިވަގުތުވެސް ރާއްޖޭގެ އިގުތިޞާދު ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންނަށް ނިކަމެތިކަން ލިބި ނުދިނުމަށްޓަކައި މަސައްކަތްކުރެވެން އެބަހުރި، އެހެންވީމާ އެގޮތަށް އެކަން ކުރަންޖެހޭ" އޭނާ ވިދާޅުވިއެވެ. ޢަމްރު ވިދާޅުވީ، ރާއްޖެއަކީ ހަނގުރާމަ ހުއްޓުވޭނެ ގައުމެއްނޫން ކަަމަށާއި، އެންމެ މުހިންމު އެއް ކަމަކީ ސަރުކާރުން ރައްޔިތުންނަށް ވާނުވާ އޮޅުންފިލުވައިދިނުން ކަމަށެވެ. ބައެއް މައުލޫމާތުތަކަކީ ފޯރުކޮށްދޭން ދަތި މައުލޫމާތެއް ކަމުގައިވިޔަސް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމާއި، ރައްޔިތުންނަށްވެސް ޚަރަދުކުޑަކުރަން ފިޔަވަޅު އަޅަން އެނގޭނީ އޭރުން ކަން ޢަމްރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ