ގަލްފުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ބޭންކުތަކަށް ހަމަލާދޭނަން: އީރާން

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ބޭންކަކަށް ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލާ ގުޅުންހުރި އިގްތިސާދީ އަދި ބޭންކިން މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން މިއަދު ދީފި އެވެ.
މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އީރާނުގެ އަސްކަރިއްޔާއާ ގުޅުން އޮންނަ، އެ ގައުމުގެ އެންމެ ބޮޑު އެއް ސަރުކާރު ބޭންކު ކަމަށްވާ ބޭންކް ސެޕާގެ އިދާރީ އިމާރާތަކަށެވެ.
އީރާނުގެ ހާތަމް އަލް-އަންބިޔާ އަސްކަރީ ކޮމާންޑް ހެޑްކުއާޓާޒްގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ، މި ހަމަލާގެ ޒިންމާ އެމެރިކާ އާއި އިޒްރޭލުގެ ބޮލުގައި އަޅުވާފައިވާއިރު، މީގެ ބަދަލުހިފުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޒުލްފަގާރީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ކުރިއަށްގެންދިޔަ ނާކާމިޔާބު ކެމްޕޭނަށް ފަހު، މިހާރު އަމާޒު ހިފާފައިވަނީ އެ ގައުމުގެ ބޭންކަކަށް ކަމަށެވެ.
"ދުޝްމަނުން ހިންގި މި ގައިރުގާނޫނީ އަމަލުގެ ސަބަބުން، އެމެރިކާ އާއި ޒަޔަނިސްޓުންނާ ގުޅުންހުރި އިގްތިސާދީ މަރުކަޒުތަކާއި ބޭންކުތަކަށް ހަމަލާދިނުމަށް އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރަހައްދުގެ މަސްރަހު ނުތަނަވަސްވަމުންދާތީ، އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމަށް ބަލައި ބޭންކުތަކާ މަދުވެގެން 1،000 މީޓަރު ދުރުގައި ތިބުމަށް ޒުލްފަގާރީ ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ