ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ބީއެމްއެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އަށް މީހަކަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ވީއައިއޭގެ ޓާމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލައިގައި ދައުވާތައް ކުރުމަށް މިދިޔަ މަހުގެ އަށްވަނަ ދުވަހު އަދި 26 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެމީހުންގެ ތެރެއިން ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދުގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި ދެން ހިމެނޭ ފަސް މީހުން ކަމަށްވާ ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދާއި ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި މ. ކޯރަސް، އަޙްމަދު ރައިހާން ނައީމާއި ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފާއި ރ. މަޑުއްވަރި، މީޒާން، އިސްމާއީލް ސިރްހާންގެ މައްޗަށް ވެސް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީން ބުނީ އެ ދަޢުވާތައް ކޮށްފައިވާނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގެ 4:15 ހާއިރު، ވީއައިއޭގެ އާ ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، 4,900 ޔޫރޯއާއި، 1,735 ޕައުންޑާއި، 2,610 ސިންގަޕޯ ޑޮލަރާއި، 1,345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1,515 ކެނޭޑިއަން ޑޮލަރާއި، 334,000 ޖަޕަނީސް ޔެންއާއި، 10,420 ހޮންކޮން ޑޮލަރާއި، 106,120 ޔޫއެސް ޑޮލަރާއި، 23,778 ދިވެހި ރުފިޔާއާއި، 25,000 އިންޑިއަން ރުޕީސްއާއި، 600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބީއެމްއެލްގެ ދެ މުވައްޒަފަކު އެއާޕޯޓް އާ ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށެވެ.
އެ އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާ ލިބޭ މީހުން އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލައިގައި އަށް މީހަކަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ