ސަރުކާރުން ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ރާއްޖެއަށް ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު ޕީއެސްއެމް އިން ގެނެސްދިން 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި ބޭސް އެތެރެކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވީ، މިހާރު ބައެއް ބޭސްތައް ގެނެސް ރަށްރަށަށް ސަޕްލައިކުރަން ފަށާފައިވާ ކަމަށެވެ.
"ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވާނީ ނިޒާމުގެ ތެރޭ ހުރި މައްސަލަތައް ދެނެގަނެ، މިކަމަށްޓަކާ ފޯކަސްކޮށްގެން މަސައްކަތް ކުރާނެ ބަޔަކު [ތިބުން]،" ނާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއަށް ބޭސް އެތެރެކުރީ އެސްޓީއޯ އިންނެވެ. އެ ކުންފުނިން ހިންގި ބޭސްފިހާރަތައް ވެސް މިހާރު ވަނީ ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭސް އެތެރެކުރަން ހާއްސަ ކުންފުނިތައް ހުންނަ ކަމަށާއި ސަރުކާރުގެ ބޭސް ކުންފުނިން މަސައްކަތް ކުރާނީ އެހެން ގައުމުތަކުގެ އެފަދަ ކުންފުނިތަކާ ވެސް ގުޅިގެން ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހަކީ ދުނިޔޭގެ ނިސްބަތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ، ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅައިގެން އެތެރެކުރާ ބޭސްކަން ކަށަވަރުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިން ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ