އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގަ ހައްޔަރުކުރި އަށް މީހުންނަށް ދައުވާކޮށްފި

މިދިޔަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ބީއެމްއެލް އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގަ ހައްޔަރު ކުރި 8 މީހުންނަށް ދައުވާ ކޮށްފިއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ޓާމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި ދައުވާ ކުރުމަށް މިދިޔަ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހާއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފަވާކަމަށެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ތ. ވިލުފުށި، އެހީވާގެ، އަހްމަދު މާހިދުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ އާއި، ގާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން، މަގްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ހަމަ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށްކޮށްފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ގާނޫނުގެ 30 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މީގެއިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދުއާއި، ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް، އަހްމަދު ރައިހާން ނައީމްއާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްއާއި، ރ. މަޑުއްވަރި، މީޒާން، އިސްމާއީލް ސިރްހާންގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ގާނޫނުގެ 30 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީއިން ބުނީ މި ދައުވާތައް ކޮށްފައިވާނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، 4,900 ޔޫރޯއާއި، 1,735 ޕައުންޑާއި، 2,610 ސިންގަޕޯ ޑޮލަރާއި، 1,345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1,515 ކެނޭޑިއަން ޑޮލަރާއި، 334,000 ޖަޕަނީސް ޔެންއާއި، 10,420 ހޮންގްކޮންގް ޑޮލަރާއި، 106,120 ޔޫއެސް ޑޮލަރާއި، 23,778 ދިވެހި ރުފިޔާއާއި، 25,000 އިންޑިއަން ރުޕީސްއާއި، 600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއާޕޯޓް އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީ އާއި އެ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީކަމަށެވެ.
ޕީޖީއިން ބުނީ މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ