ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހަމަޖައްސައި އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހަޅޭ ގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ކެޓަގަރީއަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭ ގޮތް ހަދާ، އެ ކެޓަގަރީގެ ޝަތުރުތަކާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތް އަދި ޕޮއިންޓު ދިނުމުގެ އުސޫލު އާންމުކޮށްފަ އެވެ.
ތަފްސީލް - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މި އުސޫލުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ އެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހައުސިން މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. މި ކެޓަގަރީ އަށް ހާއްސަކޮށްފައިވަނީ 100 ފްލެޓެވެ.
މީގެ ކުރީގެ އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމަނާފައި އޮތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުގެ ތެރޭގަ އެވެ. މިހާރު މި ވަނީ މިއީ ވަކި ކެޓަގަރީއެއްގެ ގޮތަށް ހަމަޖައްސައިފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފްލެޓަށް ކުރިމަތިލާއިރު ޑިސްއެބިލިޓީ ރެޖިސްޓްރީގައި ހިމެނޭކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބުނާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާ އެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމު ގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހުމާ އެކު މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށެވެ.
ނޫން ނަމަ އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެފައި މި ސަރަހައްދުން އެންމެ މަދުވެގެން މިދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހަކަށް ވާން ޖެހެ އެވެ.
އެނގުން މުހިއްމު - ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 7،900 ފްލެޓު ދޫކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ