ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އޮކްޓޯބަރު މަހު ވީއައިއޭގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އެކްސްޗޭންޖު ކައުންޓަރަށް ގެންދިޔަ ޑޮލަރު ބްރިފްކޭސް ފޭރުނުއިރު އޭގައި ލައްކަ އަކަށް ވުރެ ގިނަ ޑޮލަރު ހުރިކަމަށްވެ އެވެ.
ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނީ، ވަޅިން ބިރުދައްކައި ފައިސާ ބްރިފްކޭސް ފޭރުނު މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ މަހުގެ 8 އަދި 26 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް ކޯޓަށް ފޮނުވީ:
އަހުމަދު މާހިދު، އެހީވާގެ/ތ. ވިލުފުށި:
ފޭރުމުގެ ކުށުގެ ދައުވާ
ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރު ދެއްކުމުގެ ކުށުގެ ދައުވާ
މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ
އަލީ އަފްޒަލް، ވަށަގުލިމާގެ/ސ. ހިތަދޫ:
ފޭރުމުގެ ކުށުގެ ދައުވާ
ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރު ދެއްކުމުގައި ވައިވެރިވިކަމުގެ ކުށުގެ ދައުވާ
އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، ބިނާ/ގއ. ވިލިނގިލި:
ފޭރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ
އެ ތިން މީހުންގެ އިތުރުން، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައި ވަނީ:
ހުސައިން ޝަހުދު، އަޅިވިލާގެ/ކ. ގުރައިދޫ
މާޒިން މޫސާ، ރޭޝަމް/ލ. މާވަށް
އަހުމަދު ރައިހާން ނައީމް، މ. ކޯރަސް
އިބްރާހިމް އަނޫފް، އަޅިވިލާގެ/ކ. ގުރައިދޫ
އިސްމާއިލް ސިރުހާން، މީޒާން/ރ. މަޑުއްވަރީ
ޕީޖީން ބުނީ މި މީހުންގެ މައްޗަށް މި ދައުވާތައް ކުރީ، މިދިޔަ 27 އޮކްޓޯބަރު ވަނަ ދުވަހުގެ ފަތިހު 4:15 ހާއިރު ވީއައިއޭގެ އާ ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އެކްސްޗޭންޖު ކައުންޓަރަކަށް ގެންދިއުމަށް ބްރިފްކޭހަކަށް އަޅައިގެން ބޭންކުގެ ދެ މުވައްޒަފަކު އެއާޕޯޓުގެ ޓަމިނަލް 1ގެ ގޭޓް 1ގެ ކުރިމަތީގައި ތިއްބާ، އެ މީހުންގެ އަތުގައި އޮތް ބްރިފްކޭސް ފޭރިގަނެފައިވާތީ އަދި އެ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތް ގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށެވެ.
އެ ބްރިފްކޭހުގައި ހުރީ، ޕީޖީން ބުނި ގޮޮތުގައި:
4،900 ޔޫރޯ
1،735 ޕައުންޑު
2،610 ސިންގަޕޫރު ޑޮލަރު
1،245 އޮސްޓްރޭލިއަން ޑޮލަރު
510 ސްވިސް ފްރޭންކް
1،515 ކެނެޑިއަން ޑޮލަރު
334،000 ޖަޕަނީޒް ޔެން
10،420 ހޮންގް ކޮންގް ޑޮލަރު
106،120 އެމެރިކާ ޑޮލަރު
23،778ރ.
25،000 އިންޑިއަން ރުޕީސް
600 ޗައިނީޒް ޔުއާން
މި ފޭރުމުގެ އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ