ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތުހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ ތާއީދު އޮތީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ދެކުނު ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަށް ރައީސް މުއިއްޒު ތާއީދުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް މިއަދު ވަނީ ދޮގުކުރައްވައިފަ އެވެ.
ތަފްސީލް - އިންތިހާބުގެ ކެމްޕޭނަށް މިއަދު ހުޅުމާލެ ދެކުނު ދާއިރާއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ދާއިރާގެ ރައްޔިތުންނަށް ކަމެއް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
"ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓުގައި. ހާއްސަކޮށް މި ދާއިރާގައި އަޅުގަނޑަށް ހަބަރުތަކެއް ލިބެނީ އެމްޑީޕީން ނިކުމެ ހުރި ކެންޑިޑޭޓު ބުނާ ކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެ ބޭފުޅާއަށް ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މިނިވަންކޮން ހުރި ބޭފުޅަކަށް ވިޔަސް، އެމްޑީޕީގެ ޓިކެޓުގައި ހުރި ބޭފުޅަކަށް ވިޔަސް، އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ."
ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށާއި ބޭނުންފުޅުވަނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުވުމަށް ކަމަށެވެ.
"ދޫންޏަށް ވޯޓުދޭން ބޭނުންވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ