އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެލުގެ އަގު އުފުލެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ތެލުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ދޫކުރުމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ލަފާދޭން ނިންމައިފި އެވެ.
މިއީ އެ އެޖެންސީގެ ތާރީހުގައި ވެސް މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމާ އެންމެ ބޮޑު މިންވަރެވެ.
ތިން މަސްދަރަކުން ރޮއިޓާސްއަށް މިއަދު ބުނި ގޮތުގައި، ފްރާންސުން ރިޔާސަތު ބަލަހައްޓާ ޖީ7ގެ ލީޑަރުންގެ ބައްދަލުވުމުގެ ކުރިން، ޕެރިހުގައި ހުންނަ މި އެޖެންސީން މިއަދު މި ހުށަހެޅުން އިއުލާން ކުރާނެ އެވެ.
ތެޔޮ ދޫކުރުމުގެ މި މަސައްކަތް މަދުވެގެން ދެ މަސްދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ. ސްޕެއިންގެ އެނާޖީ މިނިސްޓަރު ސާރާ އާގޭސަން ވިދާޅުވީ، މިކަމަށް ގައުމުތަކަށް 90 ދުވަހުގެ މުއްދަތެއް ލިބިދާނެ ކަމަށެވެ.
"މިއީ އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ތާރީހުގައި ވެސް ހުށަހެޅޭ މިފަދަ އެންމެ ބޮޑު ހުށަހެޅުން ކަމަށް އަޅުގަނޑު ދެކެން،" އާގޭސަން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އައިއީއޭ އިން އިސްނަގައިގެން ދޫކުރީ 182.7 މިލިއަން ފީފާ ތެލެވެ. އެއީ އޭރުގެ ރެކޯޑު މިންވަރެވެ.
މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަނގުރާމަ ފެށުމާ އެކު ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ދަނޑިވަޅެއްގަ އެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން ގޭހުގެ އަގު %50 އަދި ތެލުގެ އަގު %27 ވަނީ އުފުލިފަ އެވެ.
ޖީ7ގެ އެނާޖީ މިނިސްޓަރުން ވަނީ ތެލުގެ ރިޒާވް ބޭނުންކުރުމަށް ތާއީދުކުރައްވާފަ އެވެ. އެ ބޭފުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހާލަތާ ގުޅިގެން ދުރާލައި ފިޔަވަޅުތައް އެޅުމަށާއި، އޭގެ ތެރޭގައި ރިޒާވް ބޭނުންކުރުމަށް އުސޫލެއްގެ ގޮތުން ތާއީދުކުރާ ކަމަށެވެ.
ޖީ7ގެ މަސްދަރަކުން ބުނި ގޮތުގައި، މިވަގުތު ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ނަމަވެސް، އަގުތައް ހަލުވިކަމާ އެކު އުފުލެމުންދާތީ އެކަމަށް ފިޔަވަޅެއް އެޅުން ކޮންމެހެން މުހިންމެވެ.
އައިއީއޭ އިން މިކަމާ ގުޅޭ އެކި ގޮތްތައް ހުށަހަޅާނެ ކަމަށް ބެލެވޭއިރު، މި މަޝްވަރާތަކުގައި އެ އެޖެންސީގެ މެންބަރުން ނޫން ނަމަވެސް ގިނަ އަދަދަކަށް ތެޔޮ ބޭނުންކުރާ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތައް ބައިވެރިކުރުން އެކަށީގެންވެ އެވެ.
ނަމަވެސް، މިހާ ގިނަ އަދަދެއްގެ ތެޔޮ ދޫކުރުމުން ވެސް، ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުމަށް މެދުވެރިވެދާނެ ދަތިތަކަށް އެދެވޭ ހައްލެއް ލިބޭނެތޯ ބާޒާރުގެ ތަޖުރިބާކާރުން އަދިވެސް ސުވާލު އުފައްދަ އެވެ.
ދުނިޔޭގެ ތެލުގެ ރިޒާވުން ރެކޯޑު މިންވަރެއް ދޫކުރަން އައިއީއޭއިން ލަފާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ