ހަނިމާދޫ އެއާޕޯޓު ބަޔަކަށް ދޭން އުޅޭ ވާހަކަ ސައީދު ދޮގުކޮށްފި ހަނިމާދޫ އެއާޕޯޓު ބަޔަކަށް ދޭން އުޅޭ ވާހަކަ ސައީދު ދޮގުކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކޮށްފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރު ބަޔަކަށް ދޭން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އެކްސް ގައި ސައީދު ވިދާޅުވީ އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ.
ބަޔަކަށް އެއާޕޯޓު ދިނުމާއި ގުޅޭ ގޮތުން ސިންގަޕޫރުގައި ބައްދަލުވުމެއް ބޭއްވި ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، އެކަން ވެސް ސައީދު ވަނީ ދޮގުކުރައްވާފަ އެވެ.
ޔާމީން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމަށް މަސައްކަތް ކުރަނީ އިންޑިއާގެ އަދާނީ ގްރޫޕަށް ކަމަށާއި އެކަމާ ގުޅިގެން ދިވެހި ސަރުކާރުން ސިންގަޕޫރުގައި ބައްދަލުކުރީ އަދާނީ ގްރޫޕުގެ ޗެއާމަންއާ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމި، މުޅި މަޝްރޫއުގެ 88.7 ޕަސަންޓުގެ މަސައްކަތް ވަނީ ނިިމިފަ އެވެ. އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭ އަކާއި، 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ