ދެ ކުޅުންތެރިން މަދުކޮށް މެޗު ނިންމާލި ޕީއެސްޖީ ކްލަބް ވޯލްޑް ކަޕް ސެމީ އަށް ދެ ކުޅުންތެރިން މަދުކޮށް މެޗު ނިންމާލި ޕީއެސްޖީ ކްލަބް ވޯލްޑް ކަޕް ސެމީ އަށް

ޖޯޖިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ދެ ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ނަމަވެސް، 2-0 އިން ބަޔާން މިއުނިކް ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޕީއެސްޖީން 1-0 އިން ކުރީގައި އޮއްވައި، އެ ޓީމުގެ ވިިލިއަން ޕަޗޯ އަށް 82 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކިއިރު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި، ލޫކަސް ހެނާންޑޭޒް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
މަސެޑީސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ ޖެހި ގޯލެއް ވަނީ އޮފްސައިޑްވެފަ އެވެ. ޕީއެސްޖީގެ ޑެޒެއާ ޑޫއޭ ޖެހި ބޯޅައެއް ވަނީ ދަނޑިކައިރިން ބޭރުން ގޮސްފަ އެވެ.
ބަޔާނަށް މި މެޗުގައި ދިމާވި އެއް މައްސަލަ އަކީ، އެ ޓީމުގެ ޖަމާލް މުސިއާލާގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ބަދަލުކުރަން ޖެހުމެވެ. ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާގެ ގައި ދަށުވެ، މުސިއާލާގެ ކުޑަހުޅަށް ލިބުނު އަނިޔާގައި އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ.
މުސިއާލާ އަނިޔާވެގެން ދަނޑުމަތީގައި ވެއްޓިފައި.
މެޗުގައި ޕީއެސްޖީން ލީޑުނެގީ، 78 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ޑޫއޭ ޖެހި ބޯޅަ ގޯލުގެ ކައިރީ ކަނަށް ވަންއިރު، ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް ބޯޅަ މަތަކުރެވޭ ގޮތެއްނުވި އެވެ. އޭގެ އިރުކޮޅެއް ކުރިން، ނޯޔާ އަށް ދޫވި ބޯޅައެއްގައި، ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ދިޔައީ ބޭރުންނެވެ.
ޕީއެސްޖީން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އެ ޓީމުގެ ޑިފެންޑަރު ޕަޗޯ ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑެއް ދެއްކިއިރު، ބަޔާންގެ ހެރީ ކޭން ޖެހި ގޯލެއް ވަނީ އޮފްސައިޑްވެފަ އެވެ. ބަޔާނުން ލަނޑެއް ޖެހޭތޯ ކުރިއަށްޖެހިގެން ކުޅެމުން ދަނިކޮށް، ކައުންޓަ އެޓޭކުގައި ޕީއެސްޖީން ދެ ވަނަ ގޯލު ޖެހީ، އެ ޓީމުގެ ހެނާންޑޭޒަށް ރަތް ކާޑު ދައްކާފައިވަނިކޮށް، ނުވަ ކުޅުންތެރިންނާ އެކު ކުޅެމުންނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ޑެމްބެލޭ މި ލަނޑު ޖެހީ އަޝްރަފް ހަކީމީ ދިން ބޯޅައަކުންނެވެ. އޭގެ އިރުކޮޅެއް ކުރިން ޑެމްބެލޭ ޖެހި ބޯޅައެއް ހުރަސްދަނޑި އަށް އަމާޒުވި އެވެ.
ސެމީ ފައިނަލުގައި ޕީއެސްޖީން ކުޅެން ޖެހޭނީ، ކުއާޓާ ފައިނަލްގެ ފަހު މެޗުގައި، ޑޯޓްމަންޑާއި ރެއާލް މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ