ލަންޑަން (ޖުލައި 6) - ސާބިއާގެ މަޝްހޫރު ތަރި، ނޮވަކް ޖޮކޮވިޗް، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކަމަށްވާ ވިމްބަލްޑަންގައި 100 މޮޅު ހަމަކޮށް، ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ.
ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ، ޖޮކޮވިޗް، 38، އަކީ ވިމްބަލްޑަންގައި 100 މޮޅު ހަމަކުރި ތިން ވަނަ ކުޅުންތެރިޔާ އެެވެ. މީގެ ކުރިން 100 މޮޅު ހަމަކުރި ކުޅުންތެރިންނަކީ، ނުވަ ފަހަރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި މާޓީނާ ނަވްރަޓިލޯވާ އާއި އަށް ފަހަރު ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ރޮޖާ ފެޑެރާ އެވެ.
ފެޑެރާ ވަނީ، ވިމްބަލްޑަންގައި ޖުމްލަ އެކު، 105 މެޗުން މޮޅުވެފަ އެވެ. ޖޮކޮވިޗް، މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ، 104 މޮޅު ހަމަކުރެވޭނެ އެވެ.
ޖޮކޮވިޗް، 100 ވަނަ މޮޅު ހޯދީ މި ފަހަރުގެ މުބާރާތުގެ ތިން ވަނަ ބުރުގައި، ސާބިއާގެ މިއޮމީރް ކެޗްމަނޯވިޗް އަތުން ކުރިހޯދައިގެންނެވެ. އެއް ގަޑިއިރާއި 50 މިނިޓަށް ދިގު ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 6-3 6-0 6-4 އިންނެވެ.
ވިމްބަލްޑަން އަކީ އޭނާގެ އިތުރުން ޓެނިހުގެ މެޖޯރިޓީ ކުޅުންތެރިން އެންމެ ގަޔާވާ އެއް މުބާރާތް ކަމަށާއި އެ މުބާރާތުގައި ތާރީހީ ކަމެއް ހާސިލްކުރެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ. ޖޮކޮވިޗް، ބުނީ މި ފަހަރުގެ މުބާރާތް އިތުރަށް ހާއްސަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރުގައި، ޖޮކޮވިޗް ނުކުންނާނީ، 11 ވަނަ އަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ އަލެކްސް ޑި މެނޯއާ ދެކޮޅަށެވެ.
ޖޮކޮވިޗް ވިމްބަލްޑަންގައި 100 މޮޅު ހަމަކޮށްފި ޖޮކޮވިޗް ވިމްބަލްޑަންގައި 100 މޮޅު ހަމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ