ކުޑޫސް ގަތުމަށް ޓޮޓެންހަމް އިން ކުރި 68 މިލިއަން ޑޮލަރުގެ ބިޑު، ވެސްޓް ހޭމް އިން އަނބުރާ ފޮނުވާލައިފި ކުޑޫސް ގަތުމަށް ޓޮޓެންހަމް އިން ކުރި 68 މިލިއަން ޑޮލަރުގެ ބިޑު، ވެސްޓް ހޭމް އިން އަނބުރާ ފޮނުވާލައިފި

ލަންޑަން (ޖުލައި 6) - ވެސްޓް ހޭމް އަށް ކުޅެމުން އަންނަ ގާނާގެ ފޯވާޑު މުހައްމަދު ކުޑޫސް ގަތުމަށް ޓޮޓެންހަމް އިން ކުރި ފުރަތަމަ ބިޑު އަނބުރާ ފޮނުވާލައިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިނގިރޭސީ ނޫސް "ދި އެތުލެޓިކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޑޫސް، 24، ގަތުމަށް ޓޮޓެންހަމް އިން ކުރީ 68 މިލިއަން ޑޮލަރުގެ ބިޑެކެވެ.
ވެސްޓް ހޭމާ އެކު ހަދާފައި އޮތް، އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ކުޑޫސް ގަތުމަށް މަދުވެގެން 80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސްޓް ހޭމް އިން މީގެ ކުރިން ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން ނެދަލޭންޑްސްގެ އަޔަކްސް އިން ގުޅުނު ކުޑޫސް ވެސްޓް ހޭމް ދޫކޮށްލަން ނިންމައިފި ނަމަ އޭނާ ގުޅެން އެންމެ ބޭނުންވަނީ ޓޮޓެންހަމް އާއި ކަމަށް އެތުލެޓިކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ފުރަތަމަ ބިޑު އަނބުރާ ފޮނުވާލި ނަމަވެސް ކުޑޫސް ގަތުމަށް ޓޮޓެންހަމް އިން އަދިވެސް ބޭނުންވާތީ ދެ ކްލަބުގެ ދެމެދުގައި މަޝްވަރާތައް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
ވެސްޓް ހޭމް އަށް ކުޅެދިން ފުރަތަމަ ސީޒަނުގައި އޭނާ ވަނީ 48 މެޗުން 18 ގޯލު ޖަހައިދީ 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ކުޅުނު 35 މެޗުން އޭނާ އަށް ޖެހުނީ އެންމެ ފަސް ގޯލެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅޭ ޓޮޓެންހަމް އިން މި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ފޯވާޑެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ. އެ ކްލަބަށް މިހާތަނަށް ސޮއިކުރީ މިދިޔަ ސީޒަނުގެ ފަހު ބައިގައި ލޯނު އުސޫލުން އެ ކްލަބަށް ކުޅުނު ބަޔާން މިއުނިކްގެ މަތީސް ޓެލް އެވެ.
ޓޮޓެންހަމް އިން ސޮއި ހޯދުމަށް ދެން މަސައްކަތްކުރި ކްރިސްޓަލް ޕެލެސްގެ އެބްރެޗީ އެޒޭ، ބޯންމައުތުގެ އެންޓޮއިން ސެމެންޔޯ، އަދި ބްރެންޓްފޯޑުގެ ބްރިއަން އެމްބުއޭމޯ ވަނީ އެ ޓީމާ ގުޅެން ދެކޮޅު ހަދައިފަ އެވެ. ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ ބްރެންޓްފޯޑްގައި ހުރި ތޯމަސް ފްރޭންކް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ