މާލޭގެ އިމާރާތްތަކުން ފެން ފައިބާ މައްސަލަ މި އަހަރުތެރޭ ހައްލުކުރަން ކައުންސިލުން ނުކުމެއްޖެ
މާލޭ ސިޓީގެ އިމާރާތްތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ މި އަހަރު ތެރޭގައި ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. ކައުންސިލުން މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މޭޔަރު އާދަމް އާޒިމް ވަނީ، މާލެ ސިޓީގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މާލޭގެ ބައެއް ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މައްސަލަ ހައްލުކުރުމަށް، ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބުރުޒު މަގުގެ ބައެއް އިމާރާތްތަކުން މަގަށް ފެންފައިބާ މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ހިންގުމާ ހަވާލުވެ ހުންނެވި މީކާއީލް މުހައްމަދު ރިޔާޒު ވިދާޅުވީ، ބުރުޒު މަގަށް ފެންފައިބާ 40 އިމާރާތަކަށް އެ ޔުނިޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 22 އިމާރާތަކުން މަގަށް ފެންފައިބާކަން ފާހަގަކުރެވުނު ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބުރުޒު މަގުގައި އެ މައްސަލަ ހުންނަ 28 ގެއެއްގެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި، އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ނިޔަލަށް، މާލެ ސިޓީގެ މަގުތަކަށް ފެން ފައިބަމުން އަންނަ ހުރިހާ އިމާރާތްތަކަށް ގޮސް، އެ ތަންތަނުގެ ވެރިން ނުވަތަ އެ ތަންތަން ބޭނުން ކުރައްވާ ފަރާތްތަކާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރުން،" އޭނާ ވިދާޅުވިއެވެ. "މި މަސައްކަތް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުން. މި މައްސަލަ އަވަހަށް ނިމުން ބިނާވާނީ ވެސް ރައްޔިތުން ދެއްވާ އެއްބާރުލުމަށް. މިހާރު ވެސް އެ އެއްބާރުލުން ދެއްވާކަން ފާހަގަކުރަން." އާޒިމް ވިދާޅުވީ އެ މަސައްކަތަކީ މާލެ ސިޓީގެ މަގުތައް ހިތްފަސޭހަ މަގުތަކަކަށް ހެދުމަށް ޓަކައި ކަޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، އެ ރައްޔިތުން ވެސް ޒިންމާތަކެއް ނަގައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. https://sun.mv/206220 މާލޭގެ ގެތަކުން މަގުމައްޗަށާއި މީހުންގެ ގަޔަށް ފެން ފައިބާ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. އެގޮތުން އޭސީ އައުޓްޑޯ ޔުނިޓްތަކުންނާއި ދިޔަދޮވިން ފެންތިކި ޖަހާ މައްސަލަތައް، ސިޓީ ކައުންސިލަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ހިމެނެއެވެ. އެފަދަ މައްސަލަތައް ބަލައި، ސިޓީ ކައުންސިލުން އެންމެ ފުރަތަމަ އެ ގެއަކަށް ސިޓީއެއް ފޮނުވައެވެ. އެއަށް ފަހު ނޯޓިސް ފޮނުވައިގެން ވެސް މައްސަލަ ހައްލުނުކުރާނަމަ ގޭގެ ވެރިފަރާތް 500 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ