މިނިވަން 60 ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެއްސެވުމަށް އަންގަަވައިފި

މިނިވަން 60 ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސަވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެންނެވުމެއް ވެސް އާންމު ކުރައްވާފަ އެވެ. އެ ދެންނެވުމުގައި ވަނީ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެ ކަމަށެވެ.
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން ވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލާފަ އެވެ. އިމާނަކަށް 30,000 ރުފިޔާ ކަނޑައެޅި އެވެ.
މި ލޯގޯ އަކީ އެ މުބާރާތުން އެއްވަނައަށް ހޮވުނު ލޯގޯ އެވެ. މި ލޯގޯ ކުރެހީ ކުޅަދާނަ ފަންނާނު ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ. 
މިނިވަން 60 ގެ ލޯގޯ ކުރެއްސެވި ފަރުހާދު
ފަރުހާދަކީ ވަރަށް ކުޅަދާނަ ފަންނާނެކެވެ. ވަރަށް މޮޅު ކެލިގްރާފަރެކެވެ. ވަރަށް ރީތިކޮށް އަރަބި އަކުރު ލިޔެ އެވެ.
ރާއްޖޭގައި ބިނާކޮށްފައިވާ އެތައް މިސްކިތްތަކެއްގައި ފަރުހާދުގެ ކުޅަދާނަ ލިޔުންތައް ބަހައްޓާފައިވެ އެވެ. އުމުރުން 48 އަހަރުގެ ފަރުހާދު ވަނީ ދިވެހި އެތައް ޑިޒައިންތަކެއް ފަރުމާ ކޮށްފަ އެވެ.
ފަރުހާދުގެ ފަންނުވެރިކަން ފެންނަ މިސްކިތްތަކުގެ ތެރޭގައި ތޮއްޑޫގައި ބިނާކޮށްފައިވާ މަސްޖިދު އައިޝާ އާއި އައްޑޫ ސިޓީގައި ބިނާކޮށްފައިވާ މަސްޖިދު އިބްރާހިމް ހިމެނެ އެވެ.
މީގެ އިތުރުން ހުޅުމާލޭގައި ބިނާކޮށްފައިވާ އެންމެ ރީތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މަސްޖިދު އުމަރު ބިން ޚައްތާބް އާއި މަސްޖިދު އަމީލް ޖަލީލުގައި ބަހައްޓާފައިވާ ބޯޑްތަކުގެ ފަރުމާ ކުރުންތެރިއަކީ ވެސް ފަރުހާދެވެ.
މީގެ އިތުރުން މާލޭގެ މުންނާރު އަސްލަކަށް ބަލައިގެން ހއ އުލިގަމުގައި ހަދާފައިވާ މުންނާރު ވަށައިގެންވާ ލިޔުންތަކަކީ ވެސް ފަރުހާގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ