ރާއްޖެއަށް ތެޔޮ ހޯދަން ސަރުކާރުން އިންޑިއާގެ އެހީއަށް އެދެފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް އެދެފިއެވެ. ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ ބޮޑުވެފައެވެ. މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ. ކަން އެހެން އޮއްވައި، ރާއްޖެއަށް ތެޔޮ ސަޕްލައިކުރަން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް މިފަދަ ރިކުއެސްޓްތައް އިންޑިއާއަށް ވަނީ ފޮނުވައިފައެވެ. އަދި މިހާރު އެ ރިކުއެސްޓުތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑުމެންގެ ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެ،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވިއެވެ. https://sun.mv/219079 މި ހަނގުރާމައިގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ވަނީ ބޮޑު ދައްޗެއް ކުރިމަތިވެފައެވެ. އެއީ އޭޝިއާގެ ގައުމުތަކަށް ތެލާއި ގޭސް އެތެރެކުރުމުގައި ބޮޑަށް ބަރޯސާވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ހަނގުރާމައިގެ ސަބަބުން ބަންދުވެފައި އޮތުމުންނެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގާއި ކާބޯތަކެތީގެ އަގު އޮންނަނީ ގުޅިފައެވެ. ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތެލުގެ އަގަށް އަންނަ މިފަދަ ކޮންމެ ބޮޑު ލޮޅުމަކަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނަކަން ތާރީހުން އެނގެން އޮތް ކަމަށް ވެސް މާހިރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ