ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދަން ދެ އެޖެންސީއަކާ ދަނީ މަޝްވަރާކުރަމުން: ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، ކުރިއަށް އޮތް ތަނުގައި ރިޒާވަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމުގެ ބިރު އޮތުމުން މިހާރު ވެސް ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މުސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ކުރިއާލާ ފިޔަވަޅުތައް އެޅުމަށް އެކުލަވާލި ނުވަ މިނިސްޓަރުން ހިމެނޭ ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރިޒާވާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
އެއީ ތެލުގެ އަގު ބޮޑުވެ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭ މި ހާލަތުގައި، ރިޒާވުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ އިތުރުން އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް ދިވެހި ދައުލަތުން ދައްކަން ޖެހޭތީ އެވެ.
ބުނީ ކީކޭ؟ - ރިޒާވް މުޅިން ހުސްނުވެ ބެހެއްޓުމަށް ޓަކައި މިހާރު ވެސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
އެއިން އެއް ފިޔަވަޅަކީ މިހާރުއްސުރެން ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުން ކަން ފާހަގަކުރެއްވި އެވެ. އެ މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް ގޮސްފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް މަލްޓިނެޓެރަލް ދެ އެޖެންސީއަކާއެކު މަޝްވަރާކޮށްގެން އިއްޔެއާ ހަމައަށް އެއްބަސްވުމަކާ ހަމައަށް ވަނީ އާދެވިފައި. މިހާރު ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށް ޓަކައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ވެސް ފޮނުއްވާފައި،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިތުރު 100 މިލިއަން ޑޮލަރު މިހާރު ވެސް ހޯދަން ޖެހޭ ކަމަށެވެ. އެއީ ތެލުގެ އަގު މަތިވާތީ، ތެލަށް އިތުރަށް ކުރަން ޖެހޭ ހަރަދު ވެސް ފޫބެއްދޭނީ ރިޒާވަށް މިހާވަރަށް އިތުރަށް ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އަނބުރާ ކިހާ ދުވަހަކުން ދައްކަން ޖެހޭ ގޮތަށް އަދި ލޯނުގެ އިންޓްރެސްޓް ރޭޓްގެ ތަފްސީލެއް އަދި މިނިސްޓަރު ނުދެއްވަ އެވެ.
އެނގުން މުހިންމު - މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އޭޕްރީލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ސުކޫކުގެ ދަރަނި ދައްކަން އިތުރު ލޯނެއް ނުލިބުނަސް ނުވަތަ ރީފައިނޭންސް ނުކުރި ނަމަވެސް ދަރަނި ދެއްކެން އެބަ އޮތް ކަމަށެވެ.
އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޒާވްގައި މި ވަގުތު 650 ޑޮލަރު ވަނީ ރައްކާކުރެވިފަ އެވެ. އެއީ:
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި - 320 މިލިއަން ޑޮލަރު 
ބޭނުންކުރެވޭ ރިޒާވްގައި - 330 މިލިއަން ޑޮލަރު އެބަހުރި 
އިތުރު ލޯނެއް ހޯދުމެއް ނެތި ރިޒާވްއާއި ފަންޑުން މި ލޯނު ދައްކައިފިނަމަ ބާކީ އޮންނާނީ އެންމެ 150 މިލިއަން ޑޮލަރެވެ. އިގުތިސޯދީ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ރާއްޖޭން އެންމެ މަހަކަށް އިމްޕޯޓަށް ކުރާ ހަރަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ