ގަމުގައި މީހުން ދިރިއުޅޭ ގެއަކަށް ކަރަންޓު ގުޅައިދޭން އާދޭސް ކުރާތާ އަހަރެއްވެއްޖެ ގަމުގައި މީހުން ދިރިއުޅޭ ގެއަކަށް ކަރަންޓު ގުޅައިދޭން އާދޭސް ކުރާތާ އަހަރެއްވެއްޖެ

ލ. ގަމުގައި މީހުން ދިރިއުޅޭ ގެއަކަށް ކަރަންޓު ގުޅައިދޭން ފެނަކައިގައި އެދޭތާ އަހަރެއް ފާއިތުވި ފަހުން އެ ގެއަށް ކަރަންޓު ގުޅައިދޭން ކޯޓުން ވެސް އަމުރުކޮށްފި އެވެ.
ތިން މީހުން މިހާރު ވެސް ދިރިއުޅޭ ލ. ގަން، މަތިމަރަދޫ، އަހުމަދު އާބާދަށް ކަރަންޓު ގުޅައިދޭން އެ ރަށު ފެނަކަ ބްރާންޗުގައި އެދުނީ ޖުލައި 10، 2024، ގަ އެވެ. ގޭގެ ވެރިފަރާތް، އަހުމަދު ނަޒީރު، މި ނޫހާ ވާހަކަ ދައްކަވަމުން ބުނީ ކަރަންޓު ގުޅައިދޭން އެދޭ ކޮންމެ ފަހަރަކު ފެނަކައިން އުޒުރެއް ދައްކާ ކަމަށެވެ.
"ކޮންނަ އެއްޗެއް ނެތީޔޭ. މީހަކު ފޯނު ނުނަގަނީއޭ. ކޭބަލެއް ނެތޭ. އެ ކަހަލަ ވާހަކަ ކޮންމެ ފަހަރަކު ވެސް މި ދައްކަނީ،" ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އަހުމަދު ބުންޏެވެ.
ފެނަކައިން ކަރަންޓު ގުޅައިނުދީގެން އެ މައްސަލަ ކޯޓަށް ވެއްދީ މެއި، 2025، ގަ އެވެ. އެކަމަކު، މައްސަލައަށް ޖަވާބުދާރީވާން ފެނަކައިން ކޯޓަކަށް ވެސް ހާޒިރެއް ނުވި އެވެ. ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ ގެއަށް ކަރަންޓު ގުޅައިދޭން އަމުރުކޮށް ފެނަކައިގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކޯޓުން ނިންމީ ޖޫން 24، 2025، ގަ އެވެ.
"މިހާރު ރޭގަ އެބަ އޮތް ކޯރެއް ކޮނެފަ. އިތުރު ކަމެއް ނުކުރޭ. ވަރަށް ބޮޑެތި ގެއްލުންވެއްޖެ ކަރަންޓު ނުލިބި މި ވެއެތުވެދިޔަ އަހަރު ތެރޭގައި،" އަހުމަދު ކިޔައިދިނެވެ.
އަހުމަދު އާބާދަކީ 4000 އަކަފޫޓުގެ ގޯއްޗެކެވެ. އެ ގޭގެ އެއް ބައި ރަޖިސްޓްރީކޮށްފައި އޮންނަނީ އެޅިގާ އަޅާ ތަނެއް ހިންގުމަށެވެ. އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ވެސް އަހުމަދު ހުރީ ގެނެސްފަ އެވެ.
"މެޝިނުތައް އެ ހުރީ ހަމަ ބޭނުންނުކޮށް ބަހައްޓާފަ. ވަރަށް ބޮޑު ގެއްލުމެއްވޭ އެބަ ކަރަންޓު ނުލިބިގެން. ކަރަންޓު ނެތީމަ އެ ލިބޭ ގެއްލުން އެނގޭނީ ކަރަންޓު ނެތީމަ،" އަހުމަދު ބުންޏެވެ.
މިހާރު އެ ގެގޭގައި އެއް ބޮކި އަދި އެއް ފަންކާ ބޭނުން ކުރެ އެވެ. އެ ދޭއްޗަށް ކަރަންޓު ދެނީ ޖެހިގެން ހުރި ގެއިން ނަރެއް ގެނެސްގެން ކަމަށް އަހުމަދު ބުންޏެވެ.
"ޖެހިގެން ހުރި ގެއިން ހިމަ ނަރެއް ގެނެސްގެން ބޮއްކަކާ، ފަންކަލަކާ ގުޅައިގެން މި ދިރިއުޅެނީ. ކަރަންޓާ ނުލައި ކިހިނެއް އުޅޭނީ؟ މި ޒަމާނުގައި އެކަކަށް ވެސް ނޫޅެވޭނެ ކަރަންޓާ ނުލައި،" އަހުމަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ