ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކޮށްފިއެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ ވޯޓުލުމުގައި ސުހާ އާ ވާދަކޮށްފައިވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސުހާ ގޮނޑި ކާމިޔާބުކުރެއްވީ 80 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން ސުހާ އަށް 529 ވޯޓު ލިބިފައިވާއިރު މުހައްމަދު ޝާހިދު އަށް ލިބިފައިވަނީ 449 ވޯޓެވެ.
މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިހާރު ޕީއެންސީއަށް ކަށަވަރުވެފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،409 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 978 މީހުންނެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސުހާ ކުރި ހޯދި ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީ މައްސަލައެއް ފެންމަތުމުން ނަތީޖާ ބަދަލުވިއެވެ.
އެ ފޮށި އަލުން ގުނުމުން އެމްޑީއޭގެ ކެންޑިޑޭޓަށް އެންމެ ވޯޓެއްގެ ތަފާތުން ގޮނޑި ކާމިޔާބުވިއެވެ. ނަމަވެސް، ބާތިލްކުރި ދެ ވޯޓު ކަރުދާހެއްގެ މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، ކޯޓުން ނިންމީ އޭގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. މިއާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، އިލެކްޝަންސް ކޮމިޝަނުން ނިންމީ މިއަދު އަލުން ބައިއިލެކްޝަނެއް ބޭއްވުމަށެވެ.
މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް: ބައި އިލެކްޝަން ސުހާ ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ