ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން އެ މީހުންގެ ބެލެނިވެރިން ފްލެޓަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކުރާނެ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއަށް އެ މީހުންގެ ބެލެނިވެރިންނަށް ލެވޭ ގޮތަށް އިސްލާހު ގެނައީ މިދިޔަ މަހުގެ އެވެ. އަދި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާގެ ފަރާތުން ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން އިތުރަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ އިސްލާހުކޮށް، ބެލެނިވެރިންނަށް ކުރިމަތިލުމަށް ލުއިތަކެއް ދިންއިރު ދާދިފަހުން ވަނީ އެ ޕްރޮގްރާމަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ޝަރުތު ހަމަވުމަށް ބޭނުންވާ މުއްދަތު ކުޑަކޮށްދީފަ އެެވެ.
މިފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައި އޮތުން ނަމަވެސް، މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓަށް ހުށަހެޅޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މީގެ އިތުރުން އެ މީހެއްގެ ނުކުޅެދުންތެރި ކަމަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅޭނެ އެވެ.
މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އަދި އެ ހުރިހާ ކެޓަގަރީއަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުން ޑްރާފްޓް އެޕްލިކޭޝަންތަކާއެކު 37،000 ފޯމް ޕޯޓަލްގައި އެބަހުއްޓެވެ. އަދި އެ އެންމެން ފޯމް ހުށަހަޅައިފިނަމަ، އެއީ ރާއްޖޭގައި ގޯއްޗާއި ފްލެޓު މަޝްރޫއުއަކަށް އެދި އެންމެ ގިނަ ބަޔަކު ހުށަހެޅި ފަހަރަށް ވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ފަރާތުން ފްލެޓަށް ހުށަހަޅާއިރު ލިޔުން ބޭނުމެއް ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ