އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ، އެކަމަކު މާދަމާއަކު ނޫން: އީރާން

އީރާނާއި އެމެރިކާއާ ދެމެދު ތިން މަސްދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެކުލަވާލާ ފްރޭމްވޯކް އެއްބަސްވުމެއްގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޮއިކުރެވިދާނެ ކަމަށް އީރާނުން މިއަދު ބުނެފި އެވެ. ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މި އެއްބަސްވުން ފައިނަލްވާނެ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ދިން އިޝާރާތްތަކަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ވިދާޅުވީ ދެ ގައުމުން ސުލްހައިގެ ފްރޭމްވޯކަކަށް އެއްބަސްވެފައިވާ ކަމަށާއި އިލެކްޓްރޯނިކްކޮށް ސޮއިކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އަންނަ ހަފުތާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ހިނގުން އެކަށީގެންވީ ނަމަވެސް، "މާދަމާ އެކަން ނުވާނެ" ކަމަށެވެ.
މި ހަނގުރާމަ ފެށުނީ މިދިޔަ 28 ފެބުރުއަރީގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ގަލްފުގައި ހުރި އެމެރިކާގެ އަމާޒުތަކަށް ހަމަލާދީފައިވާއިރު، މި ކުރިމަތިލުންތަކުގެ ތެރެއަށް ހިޒްބުއްލޯ އާއި އިޒްރޭލު ވެސް ވަނީ ވަދެފަ އެވެ.
މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވެ އެވެ. މިގޮތުން، އީރާނުން ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހަނިކޮށްފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ހުށަހަޅާފައިވާ އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލެވޭނެ އެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މަގު ފަހިވެ، ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލުމާއި ތެޔޮ އެކްސްޕޯޓް ކުރުމަށް އޮތް ދަތިތައް ލުއިކޮށްދިނުން މި އެއްބަސްވުމުގައި ހިމެނެ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އައްބާސް އަރާގްޗީ، މި އެއްބަސްވުމަކީ އެމެރިކާއާ އެކު ކުރި ހަނގުރާމައިން އީރާނު ކާމިޔާބު ހޯދިކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ނަމަވެސް އެއްބަސްވުމަށް ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަބަރުތައް ބުނާ ގޮތުން، އީރާނުގައި ހުރި ޔުރޭނިއަމް ރިޒާވްގެ މުސްތަގްބަލާ މެދު އަދިވެސް ދެބަސްވުންތައް އެބަހުއްޓެވެ. އެމެރިކާއިން ބޭނުންވަނީ އެ ތަކެތި އީރާނުން ބޭރުކުރުމަށެވެ. އެކަމަކު އީރާނުން ބޭނުންވަނީ އެ ތަކެތީގެ ކޮންސެންޓްރޭޝަން ދަށްކޮށްގެން ނަމަވެސް ގައުމުގައި ބެހެއްޓުމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، މި އެއްބަސްވުމުގައި އިޒްރޭލުން ބައިވެރިނުވާނެ ކަމަށެވެ.
މީގެ އިތުރުން ލުބްނާނުގެ މައްސަލައިގައި ވެސް ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އީރާނުން ބުނަމުންދަނީ މި އެއްބަސްވުމުގެ ދަށުން ލުބްނާނުގައި ކުރިއަށްދާ ކުރިމަތިލުންތައް ނިމުމަކަށް ގެންނަންޖެހޭނެ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އޮފިޝަލުން ބާރުއަޅުއްވަނީ އެ ގައުމަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ މިނިވަންކަން އިޒްރޭލަށް އޮންނަންޖެހޭނެ ކަމަށެވެ.
މި ދަނޑިވަޅުގައި އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ފެށުނު ދުވަސްކޮޅު އަވަހާރަވި އީރާނުގެ އޭރުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އަންނަ މަހުގެ 4 ވަނަ ދުވަހު ތެހެރާންގައި ފެށޭނެ އެވެ. އަދި އަންނަ މަހު 9 ވަނަ ދުވަހު އޭނާ ފަސްދާނުލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ