"އިނާ" ކިޔާ ޓިކްޓޮކް އެކައުންޓަކުން ސްކޭމް ހިންގަނީ

އެޕާޓްމަންޓް ކުއްޔަށް ދޫކުރުމާއި އެކި ކަހަލަ އެއްޗެހި ވިއްކަން ޖަހައި "އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން ސްކޭމް ހިންގާ މައްސަލައެއްގައި އާންމުން ސަމާލުވާން އެދިއްޖެ އެވެ. 
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނީ އެއީ އޮޅުވާލައިގެން މަކަރާއި ހީލަތުން ސްކޭމް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓު ކޮށްފައިވާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ. 
އެ ޕޯސްޓާ އެކު، އެ ސެންޓަރުން ވަނީ އެ ޓިކްޓޮކް އެކައުންޓުގެ ސްކްރީންޝޮޓެއް ވެސް ހިއްސާކޮށްފަ އެވެ. މާލެ އާއި ހުޅުމާލޭގެ ކޮންމެ ހިސާބަކަށް ވެސް ތެލުލި ބަނބުކެޔޮ ޑެލިވަރީ ކޮށްދޭ ކަމަށް ޖަހާފައިވާ ޕޯސްޓުތަކަކާއި ދުވަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރުމަށް އެކި ޕޯސްޓުތައް ހަދައި އިޝްތިހާރު ކޮށްފައިވެ އެވެ. 
އެ އެކައުންޓު ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ. 
ސްކޭމް ސެންޓަރުން އެ އެކައުންޓުގެ މައުލޫމާތު އާންމުކުރުމުން މިހާރު އެކައުންޓު ވަނީ ޕްރައިވެޓް ކޮށްފަ އެވެ. އެކަމަކު އަދިވެސް 297 މީހުން އެ އެކައުންޓު ފޮލޯކުރަމުން އެބަދެ އެވެ. 
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ މީހުން ހޯދައި އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ސްކޭމް ހުއްޓުވަން މަސައްކަތްކުރާ ފުލުހުންގެ ސެންޓަރުން ދިނެވެ. 
ސްކޭމްތަކުން ރައްކާތެރިވުމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް އެދިފައިވެ އެވެ. 
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން ދާއިރު މި ފަހުން ވަނީ ބުކިން ޑޮޓްކޮމްގެ ނަމުގައި ވެސް ލިންކުތަކެއް ފޮނުވައިގެން މީހުންގެ އެކައުންޓުން ފައިސާ ފޭރެން މަސައްކަތް ކޮށްފަ އެވެ. އެ ސްކޭމް ހިންގާފައި ވަނީ ރިފަންޑު ފައިސާ ބޭނުން ނަމަ އެ ލިންކަށް ފިތައިގެން އެކަމަށް އެދެވޭނެ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ