އެއާ އިންޑިއާ ބޯޓު ވެއްޓުމާ ގުޅޭ ތަހުގީގު އަދިވެސް ނުނިމޭ

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓި، 250 މީހުން މަރުވި ހާދިސާގެ ތަހުގީގީ ރިޕޯޓު އަދިވެސް ނުނިމޭ ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެފި އެވެ. 
އެ ހާދިސާއަށް އަހަރެއް ފުރުނީ ހުކުރު ދުވަހުގަ އެވެ. އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ހާދިސާއާ ގުޅޭ ހެކިތައް ދިރާސާކުރުމުގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ފައިނަލް ރިޕޯޓް ނެރޭނެ ތާރީހެއް ހިމެނޭހެން، އެ އިދާރާއިން މިކަމާ ގުޅޭ އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.
އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި ބޮއިންގް 787 ޑްރީމްލައިނާ މަރުކާގެ ބޯޓު، 2025 ޖޫން 12 ވަނަ ދުވަހު ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓެން މެދުވެރިވި ސަބަބާ މެދު އާންމުންގެ މެދުގައި ވަނީ ތަފާތު ހިޔާލުތަކާއި ޝައްކުތައް އުފެދިފަ އެވެ.
އެ ބޯޓު ވެއްޓުނީ އެއާޕޯޓާ ގާތްގަނޑަކަށް ހަ ކިލޯމީޓަރު (3.7 މޭލު) ދުރަށެވެ. ބޯޓު ގޮސް ޖެހުނީ ބައިރަމްޖީ ޖީޖީބޯއީ މެޑިކަލް ކޮލެޖާއި ސިވިލް ހޮސްޕިޓަލުގެ ޑޮކްޓަރުން ދިރިއުޅޭ އިމާރާތެއްގަ އެވެ. ބޯޓު ޖެހުމާއެކު ބޮޑު ގޮވުމެއް ގޮވައި އެ ސަރަހައްދުގައި އަލިފާން ރޯވި އެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި 241 މީހުން މަރުވުމުގެ އިތުރުން، ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 19 މީހަކު ވެސް ވަނީ މަރުވެފަ އެވެ. މަރުވި ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރޭގައި އިންޑިއާގެ 169 ރައްޔިތުންނާއި އިނގިރޭސިވިލާތުގެ 53 ރައްޔިތުން ހިމެނެ އެވެ.
މި ހާދިސާއިން ސަލާމަތްވީ އެންމެ މީހެކެވެ. އެއީ އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީއަށް ނިސްބަތްވާ ވިޝްވާސްކުމާރު ރަމޭޝް އެވެ.
ފައިނަކް ރިޕޯޓު ލަސްވަމުންދާ އިރު، މިދިޔަ އަހަރުގެ ޖުލައި 12 ގައި ނެރުނު ފުރަތަމަ ރިޕޯޓުގައި ބުނެފައިވަނީ، ބޯޓު ފުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި، ފިއުލް ކޮންޓްރޯލް ސްވިޗްތައް ކުއްލިއަކަށް "ކަޓް-އޮފް" ހާލަތަށް ބަދަލުވި ކަމަށެވެ. މީގެ ސަބަބުން އިންޖީނަށް ތެޔޮ ދިއުން ހުއްޓި، ބޯޓުގެ މުޅި ބާރު ކެނޑުނު ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ކޮކްޕިޓްގެ އޯޑިއޯ ރެކޯޑިންތަކުން އިވޭ ގޮތުގައި، އެއް ޕައިލެޓް އަނެއް ޕައިލެޓާ ސުވާލުކުރަނީ އެހެން ހެދީ ކީއްވެގެންތޯ އެވެ. އޭގެ ޖަވާބުގައި އަނެއް ޕައިލެޓް ބުނަނީ އޭނާ އެކަން ނުކުރާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޕައިލެޓުންނެއް ކަމެއް ތަހުގީގު ކުރާ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ