މީދޫ ވޯޓުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ: އެޗްއާރްސީއެމް

ދ.މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންޝް ކޮމިޝަނުން ކޮށްފައިވަނީ ފުރިހަމައަށް ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއިން ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ކަންކަމާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން 2026ގައި ދ. މީދޫގައި ވޯޓުލީ ދެ މަރުކަޒަކާއި، މާލޭ ސިޓީގައި ވޯޓުލީ މަރުކަޒުގެ ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާދިޔަގޮތް އެ ކޮމިޝަނުން އޮބްޒާރވްކޮށްފައިވާ ކަމަށެވެ.
އިންސާނީ ހައްޤުތައް ދޭ މިންވަރު މޮނިޓަރ ކުރުމަކީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ލާޒިމްކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވާ އެކޮމިޝަނުން ވިދާޅުވީ، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަގޮތް އެ ކޮމިޝަނުން ބަލާފައިވާނެ ކަމަަށެވެ.
އަދި ވޯޓު ނެގުމުގެ ކަންކަން މައިގަނޑުގޮތެއްގައ ކުރިއަށް ގެންގޮސްފައިވަނީ، ސުލްޙަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރު ކުރުމަށް އިލެކްޝަންޝް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އިލެކްޝަންޝް ކޮމިޝަނަށް އެހީތެރިވެ ދެއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރެއްވި ދައުރާއި، ކެނޑިޑޭޓުންނާއި ޕާޓީތަކުން އަދި ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ހައްޤު އަދާކުރެއްވި ހުރިހާ ފަރާއްތަކުން ދިމިޤުރާތީ ރޫޚު ކުރިއަރުވައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްތައްވެސް ފާހަގަކުރާ ކަމަށް އެޗްއާރުސީއެމްއިން ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓުލުމުގެ އިންތިޒާމުތަކާއި، ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންޝް ކޮމިޝަނުން ގެންގޮސްފައިވަނީ ޖުމްލަ ގޮތެއްގައި ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިންކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ވޯޓުލުން ކުރިއަށްދިޔަ ދ. މީދޫގެ ދެ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތްކަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ