އިގްތިސާދީ ގޮތުން އިތުރަށް ގުޅުން ބަދަހި ކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި އިގްތިސާދީ ގޮތުން އިތުރަށް ގުޅުން ބަދަހި ކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި

އިގްތިސާދީ ގޮތުން އިތުރަށް ގުޅަން ބަދަހި ކުރަން އިންޑިއާއާއެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާތަވާލްއާއެކު މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.
"ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅަން ބަދަހި ކުރަން މި ބައްދަލުވުމުގައި މަޝްވަރާ ކުރިން. އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރެވިދާނެ އާ ދާއިރާތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރިން،" ބައްދަލުވުމަށްފަހު އެކްސްގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިންޑިއާގެ 10 އޮފިޝަލުން ބައިވެރިވި އެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މިނިސްޓަރު ސައީދާއެކު، ރާއްޖެއިން ވެސް އެ ބައްދަލުވުމުގައި 10 އޮފިޝަލުން ބައިވެރިވި އެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ ތަކެތި އިމްޕޯޓް ކުރަނީ އިންޑިއާއިންނެވެ. އެގޮތުން ހިލަ، ހިލަވެލި، ކުކުޅު ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގު އެތެރެ ކުރަނީ އެ ގައުމުންނެވެ. އެ ތަކެތީގެ ކޯޓާ އިންޑިއާއިން ވަނީ ދާދި ފަހުން އިތުރު ވެސް ކޮށްދީފަ އެވެ.
ރާއްޖޭގައި ބޭސް ލިބުން ދަތިވާތީ، ބޭނުންވާ ޒަރޫރީ ބޭސް ހޯދަން އިންޑިއާ ސަރުކާރުގެ ކުންފުންޏަކާ ވެސް ދިވެހި ސަރުކާރުން ވަނީ ދާދިފަހުން އެއްބަސްވުމެއް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ