"ހައިއަތު ތަޙްރީރް އައްޝާމް" އިން ސޫރިޔާގައި އުފައްދާފައިވާ ސަރުކާރަށް އިނގިރޭސިވިލާތުން އިއުތިރާފް ވެއްޖެ

ލަންޑަން (6 ޖުލައި 2025) : އައިއެސް ޖަމާއަތުގެ އެންމެ ބޮޑު ގޮފިކަމަށްވާ ކުރީގެ "ޖަބްހަތުއްނުސްރާ" އަދި މިހާރުގެ "ހައިއަތު ތަޙްރީރް އައްޝާމް" އިން ސޫރިޔާގައި އުފައްދާފައިވާ ސަރުކާރުން އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލާ ގުޅުންތައް ގާއިމް ކުރަން އުޅޭކަމުގެ ޚަބަރުތައް ފެންމަތިވެފައި ވަނިކޮށް އެ ސަރުކާރާއެކު ޚާރިޖީ ގުޅުން ގާއިމު ކުރިކަން އިނގިރޭސިވިލާތުން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކުރެއްވީ ސޫރިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލާމީ އެވެ. ލާމީ ވަނީ އިއްޔެ ސޫރިޔާގެ ވެރިރަށް ދިމިޝްގަށް ވަޑައިގެން ކުރީގެ "ޖަބްހަތުއްނުސްރާ" އަދި މިހާރުގެ "ހައިއަތު ތަޙްރީރް އައްޝާމް" ގެ ޒައީމް އަދި ސޫރިޔާގެ މިހާރުގެ ރައީސް އަހްމަދުއްޝަރުއު (އަބޫމުހައްމަދުލް ޖޫލާނީ) އާ ބައްދަލުކުރައްވާފައެވެ. ޝަރުއު އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ލާމީ ވަނީ ޝަރުއުގެ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި އިނގިރޭސިވިލާތުން 129 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަމާއި ޝަރުއުގެ ވެރިކަން ދަމަހައްޓަން އިނގިރޭސިވިލާތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަހްމަދުއްޝަރުއު (އަބޫމުހައްމަދުލް ޖޫލާނީ) އަކީ އިނގިރޭސިވިލާތާއި އެމެރިކާއިން ނުރައްކާތެރި ޓެރަރިސްޓެއްގެ ގޮތުގައި ކުރިން ސިފަކުރި މީހެކެވެ. އެމެރިކާ ވަނީ އޭނާގެ ބޮލަށް 10 މިލިޔަން ޑޮލަރުވެސް ހުށަހަޅާފައެވެ. ނަމަވެސް ބައްޝާރުގެ ސަރުކާރު ވައްޓާލުމަށްފަހު ސޫރިޔާގެ ވެރިކަމަށް އަހްމަދުއްޝަރުއު އިސްވުމުން އެމެރިކާ ވަނީ އޭނާގެ ބޮލަށް އެކަށައެޅި 10 މިލިޔަން ޑޮލަރު އުވާލާފައެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ރަސްމީ ގޮތެއްގައި އުވާލާފައެވެ. ޓްރަމްޕް ވަނީ އަހްމަދުއްޝަރުއު (އަބޫމުހައްމަދުލް ޖޫލާނީ) އަކީ ކުރިން ވަރަށް ވަރުގަދަ ޖަމާއަތެއްގެ ވެރިއެއްކަމަށް ވިދާޅުވެ "ޖަބްހަތުއްނުސްރާ" އާއި "ހައިއަތު ތަޙްރީރް އައްޝާމް" ގެ ޒައީމެއްގެ ގޮތުން އޭނާ އަދާކޮށްފައިވާ ދައުރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އައިއެސް ޖަމާއަތާއި އެ ޖަމާއަތަށް ނިސްބަތްވާ ގޮފިތަކަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) ފަހަތުގައި އޮވެގެން އުފެއްދި ޖަމާއަތެއްކަމަށް ބައްޝާރުގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އިސްވެރިން ތަކުރާރުކޮށް ތުހުމަތު ކުރަމުން ގެންގޮސްފައިވެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތް ސޫރިޔާގެ އަހްމަދުއްޝަރުއުގެ ސަރުކާރަށް އިއުތިރާފްވެ އެ ސަރުކާރަށް ވާގިވެރިވަމުންދާއިރު ސޫރިޔާއިން އިސްރާއީލު ބަލައިގަނެ އިސްރާއީލަށް އިއުތިރާފްވެ އަދި ސޫރިޔާއިން އިސްރާއީލާ ގުޅުންތައް އުފައްދަން ތައްޔާރުވަމުން ދާ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ. އަހްމަދުއްޝަރުއުގެ ސަރުކާރުން ވަނީ އިސްރާއީލުން ސޫރިޔާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި އިސްރާއީލު ސިފައިން ސޫރިޔާގެ އެތެރެއަށް ވަދެ ސޫރިޔާގެ އާންމުން ހައްޔަރުކޮށް ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަތުމަށް އިސްރާއީލު ހިންގާ ލާއިންސާނީ އަމަލުތަކަށް ބީރު ކަންފަތެއް ދީފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ސޫރިޔާގެ އެތައް ސަތޭކަ ބަޔަކު ވަނީ ފާއިތުވި ދެ ތިން މަސްތެރޭގައި ޝަހީދުކޮށްލާފައެވެ. އަހުމަދުއްޝަރުއު އިސްކޮށް ހުރެެގެން ސޫރިޔާގެ ވެރިކަން ވައްޓާލި ވަގުތު އިސްރާއީލުން ވަނީ ސޫރިޔާގެ ސިފައިންގެ ފައިޓާޖެޓްތަކާއި ސިފައިންގެ ބޭސްތަކާއި ކަނޑުގެ ބާރުތަކާއި މިހެން ގޮސް ސޫރިޔާ ސިފައިންގެ ހުރިހާ ވަސީލަތްތަކެއް ހަލާކުކޮށްލާފައެވެ. އިސްރާއީލުން ވަނީ 1967 ވަނަ އަހަރު ސޫރިޔާގެ ގޯލާންގެ ބިންތައްވެސް ގަދަބާރުން ހިފާފައެވެ. ސޫރިޔާއިން އިސްރާއީލާ ގުޅުންތައް ގާއިމްކުރަން މަސައްކަތްކުރަނީ އިސްރާއީލު ވެރިވެގެންފައިވާ ސޫރިޔާގެ ގޯލާންގެ ބިންތައް ހޯދަން ސޫރިޔާއިން މަސައްކަތް ނުކުރާ ގޮތުގެ މަތިންކަމަށް ރިޕޯޓްތައް ބުނެއެވެ. މި ރިޕޯޓްތައް ސޫިރޔާއިން ދޮގެއް ނުކުރެއެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއުން ސާއިރު ވަނީ ގޯލާންގެ ބިންތައް މިނިވަން ކުރަން ސޫރިޔާގެ އައު ސަރުކާރުން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އެމެރިކާ މެދުވެރިކޮށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ