ލެމީނާގެ ހަމައެކަނި ގޯލާއެކު ގަލަތަސަރާއީން ލިވަޕޫލް ބަލިކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މާރިއޯ ލެމީނާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު، ގަލަތަސަރާއީން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފިއެވެ. ރާމްސް ޕާކްގައި ކުޅުނު މި ފޯރިގަދަ މެޗު ގަލަތަސަރާއީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ލެމީނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ ކުރީކޮޅު ލިބުނު ކޯނަރަކުން ބޮލުން ޖަހައެވެ. މެޗު ފެށިގެން ސަތޭކަ ހަތަރު ސިކުންތުގެ ތެރޭގައި ލިވަޕޫލްގެ ފްލޯރިއަން ވާޓްޒްއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ފުރުސަތު އޭނާއަށް ލިބުނީ ލެމީނާއަށް ހެދުނު ގޯހަކުންނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ލެމީނާ ވަނީ ގަލަތަސަރާއީއަށް ލަނޑު ޖަހައިދީ، އޭނާގެ ފަރާތުން ހެދުނު ގޯސް ރަނގަޅުކޮށްފައެވެ. މުހައްމަދު ސަލާހު އާއި ހޫގޯ އެކިޓިކޭ އަދި އެލެކްސް މެކް އެލިސްޓަރ ގުޅިގެން އުފެއްދި ހަމަލާއެއްގައި ވާޓްޒްއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަނެއްކޮޅުން ގަލަތަސަރާއީގެ ނޯއާ ލޭންގް އަދި ޑެވިންސަން ސަންޗޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ލިވަޕޫލްގެ ގޯލްކީޕަރު ގިއޯގީ މަމަރްޑަޝްވިލީ ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއީ ފޮނުވާލި ހަމަލާއެއް ގަލަތަސަރާއީގެ ކީޕަރު އުގުރްޖާން ޗަކީރް ދިފާއުކުރިއިރު، މެކް އެލިސްޓަރ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މި މެޗުގައި ދެ ޓީމުން ކުރެ ކޮންމެ ޓީމަކުންވެސް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ އެ ދެ ގޯލުވެސް ކެންސަލްކޮށްފައެވެ. ގަލަތަސަރާއީގެ ވިކްޓަރ އޮސިމްހެން ޖެހި ގޯލު ކެންސަލްކުރީ އެ ހަމަލާ އުފެއްދުމުގައި ބަރީޝް ޔިލްމާޒް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. ލިވަޕޫލުން ޖެހި ގޯލު ކެންސަލްކުރީ އިބްރާހީމާ ކޮނާޓޭގެ އަތުގައި ބޯޅަ ޖެހިފައި އޮތުމުންނެވެ. މި ބޯޅަ ގޯލަށް ވަނީ ވިލްފްރީޑް ސިންގޯގެ ގައިގައި ޖެހިފައެވެ. މެޗުގެ ފަހުކޮޅު ސަންޗޭޒްގެ ފަރާތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅައެއް ކީޕަރު ޗަކީރް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި ނަތީޖާއާއެކު ގަލަތަސަރާއީން ވަނީ ދެވަނަ ލެގާ ކުރިމަތިލާއިރު މުހިންމު އެޑްވާންޓޭޖެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ