ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ފަޅު ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން ރައީސް މުހައްމަދު މުއިއްޒު ފައިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖުލައި 1، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ދައްކަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
"ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ އެޑްވާންސް ޕޭމަންޓު ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއަން ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން އެންމެ އަވަހަށް ފައިސާ ހަމަޖެއްސޭ ގޮތެއްގެ މަތިން ކުރިއަށް ގެންދެވުން އެންމެ ރަނގަޅުކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ޝާހިދު ސޮއި ކުރައްވާ ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުގެ އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ސިޓީގެ މައުލޫމާތު އެނގޭ ދެ އޮފިޝަލަކު އެ ސިޓީގެ ސައްހަކަން މި ނޫހަށް ކަށަވަރުކޮށްދިނެވެ. އެ ކަމާ ގުޅޭ ގޮތުން ރައީސް އޮފީހަށް މި ނޫހުން ގުޅުމުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މެއި މަސް ނިމުނުއިރު އެ ޔޫޒަބަލް ރިޒާވުގައި ހުރީ 217.9 މިލިއަން ރުފިޔާ އެވެ. ޖޫން މަހުގެ ނިޔަލަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު މިހާތަނަށް އެމްއެމްއޭ އިން ހާމައެއް ނުކުރެ އެވެ.
ފިނޭންސަށް ފޮނުވި ސިޓީގައި ރައީސް އޮފީހުން އަންގާފައި ވަނީ، ސަރުކާރުގެ އެކި ކުންފުނިތަކުން ނަގަން ހަމަޖެހިފައިވާ ލޯނުތައް ލިބުމުން، އެ ފައިސާ ޔޫޒަބަލް ރިޒާވަށް އަނބުރާ ޑިޕޮސިޓް ކުރުމަށެވެ. މި ލޯނުތަކުގެ ޖުމްލަ އަދަދު 600 މިލިއަން ޑޮލަރަށް އަރާނެ އެވެ.
އެނގިފައިވާ ގޮތުގައި، މިއީ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ބޭނުން ކުރަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. ކަރަންސީ ސްވޮޕް ފެސިލިޓީގެ ގޮތުގައި 400 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރަށްވާ ވަރަށް އިންޑިއަން ރުޕީސް، އިންޑިއާގެ ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.
ރަސްމާލެ މަޝްރޫއު ފެށިގެން މިހާތަނަށް ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުންނެވެ.
އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ސަރުކާރުން ދެން މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއް އެކުވެގެން އުފެއްދި މިޑް ފްރީ ޒޯން ކުންފުނިންނެވެ. ސިޓީގައި އެޗްޑީސީގެ ބަދަލުގައި އެ ކުންފުނީގެ ނަން އޮތީ އެހެންވެ އެވެ.
ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ބުނެ ޑިސެމްބަރު 18، 2023، ގައި ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ 30 ޕަސެންޓު ވެސް އަދި ނުހިއްކެ އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ. ބެލެވޭ ގޮތުގައި އެޑްވާންސް ދައްކަނީ މިތަނުން އެއް ކުންފުންޏަކަށެވެ.
ސަރުކާރުން މިހާރު ބުނަނީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ. މިއީ މި މަޝްރޫއުގެ ބިން ހިއްކުން ނިންމުމަށް ސަރުކާރުން ދިން ތިންވަނަ ތާރީހެވެ.
ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ރަސްމާލެ ޕްރޮޖެކްޓަށް ފައިސާ ދައްކަން ރައީސް އަންގަވައިފި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ރަސްމާލެ ޕްރޮޖެކްޓަށް ފައިސާ ދައްކަން ރައީސް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ