އެމެރިކާގެ ބަދަލު ވޯލްޑް ކަޕްގައި އިރާން ހޯސްޓްކުރާނީ މެކްސިކޯ އިން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި

މެކްސިކޯ ސިޓީ (މެއި 26) - އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާގެ ބަދަލުގައި އިރާންގެ ގައުމީ ފުޓްބޯޅަ ޓީމު ހޯސްޓްކުރާނީ މެކްސިކޯގައި ކަމަށް އެ ގައުމުގެ ރައީސް، ކްލައުޑިއާ ޝެއިންބޯމް އިއުލާނުކުރައްވައިފި އެވެ.
ފެބްރުއަރީ މަަހު، އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ސަރުކާރުން، އެ ގައުމު މި ފަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ނުކުޅޭނެކަމަށް ބުނެފައިވީ ނަމަވެސް، ފީފާ އިން ބުނަމުން އަންނަނީ އިރާން ވޯލްޑް ކަޕްގައިި ކުޅޭނެ ކަމަށެވެ. އަދި، ފީފާ އިން ވަނީ މިިދިޔަ ހަފްތާގައި އިރާންގެ ފުޓްބޯޅަ އެސޯސިއޭޝަނުންގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. 
އިރާނުން ވޯލްޑް ކަޕް ކުޅެން ދިއުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އަށް 10 ޝަރުތެއް ހުށަހަޅާފައިވާ ކަމަށް އިރާނާއި މެދުއިރުމަތީގެ މީޑިއާތަކުން ވަނި ރިޕޯޓްކޮށްފަ އެވެ.
އެ ގޮތުން މައިގަނޑު ފުރަތަމަ ޝަރުތަކީ، އިރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ޓީމުގެ ސްޓާފުން ހިމެނޭހެން އެންމެނަށް ވިސާ ހަމަޖައްސައިދޭއިރު، އޭގެ ތެރޭގައި އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ހިމެނުނަސް އެކަން ފުރިހަމަކޮށްދޭން ޖެހޭނެ އެވެ. ދެން، ކަނޑައަޅާފައިވާ ޝަރުތުތަކަކީ، އިރާނުގެ ޑެލިގޭޝަނަށް ފުރިހަމަ އިހުތިރާމް އަދާކުރުމާއި އިރާނަށް މަލާމަތް ރައްދުވާނެ ފަދަ ކަމެއް ނުކުރުމާއި އިރާންގެ ގައުމީ ސަލާމް މެޗުތަކުގައި ރަނގަޅަށް ޖެހުމާއި ހުރިހާ ވަގުތެއްގައި ފުރިހަމަ ސެކިއުރިޓީގެ އިންތިޒާމް ހަމަޖައްސައިދިނުމާއި އިރާނުގެ ސަރުކާރުން ގަބޫލުކުރާ އެ ގައުމުގެ ދިދަ ދަނޑަށް ވެއްދުމަށް އިންތިޒާމް ހަމަޖެއްސުމާއި ސިޔާސީ ހަމަނުޖެހުމުގެ ޝުއޫރުތައް މަނާކުރުމާއި އިރާނުގެ މިލިޓަރީގެ އިހުތިރާމް ގެއްލޭ ކަންކަމަށް ފުރުސަތު ނުދިނުމާއި ނޫސްވެރިން ސުވާލުކުރާއިރު ފުޓްބޯޅައިން ބޭރުގެ ކަންކަމަށް ފުރުސަތު ނުދިނުމާއި އިރާނު ރަމްޒުކޮށްދިނުމުގައި ރަސްމީ އުސޫލުތަކުގެ ތެރެއިން ކަންކަން ހަމަޖެއްސުން ހިމެނެ އެވެ. 
މީގެއިން ޝަރުތެއް ފުރިހަަމަނުވެއްޖެނަމަ، މުބާރާތް ބޮއިކޮޓް ކުރާގޮތަށް އިރާނުން ނިންމާނެ ކަަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އެމެރިކާ އިން މީގެއިން ބައެއް ކަންކަން ފުރިހަމަ ނުވާނެކަން ފީފާ އަށް އެންގުމުން، ފީފާ އިން ވަނީ ކުއްލިއަކަށް މުުހިންމު ފިޔަވަޅެއް އަޅައިފަ އެވެ. އެއީ، އެމެރިކާގެ ބަދަލުގައި، އިރާން ޓީމު މެކްސިކޯގައި ކޭމްޕް ކުރާ ގޮތަށް ބަދަލުކުރުމެވެ. 
އެ ގޮތުން، ޝެއިންބޯމް ވިދާޅުވީ، ފީފާ އިން ވަނީ އިރާން ޓީމު މެކްސިކޯގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައި ކަމަށާއި މެކްސިކޯގެ ސަރުކާރުން އެ ކަން ފަހިކޮށްދޭން ތައްޔާރަށް ތިބި ކަމަށެވެ. 
"އަހަރެމެންގެ ނެތް އެއްވެސް ސަބަބެއް އެ މީހުން (އިރާން ފުޓްބޯޅަ ޓީމު) މެކްސިކޯގައި މަޑުކުރަން ހުއްދަނުދޭންވީ. އެމެރިކާ އިން ބޭނުމެއް ނުވޭ، އިރާން ޓީމުން އެ ގައުމުގައި ރޭކުރާކަށް ވެސް. އެކަމަކު، ޝެޑިއުލްގައި އޮތްގޮތަށް އިރާނުގެ ތިން މެޗު ވެސް ކުޅޭނީ އެމެރިކާގައި. އެހެންވެ، އަހަރެމެން ގާތުގައި އެހީ އިރާނުން އަހަރެމެންގެ ގައުމުގައި ތިބެވޭނެތޯ. އަހަރެމެން ވާނީ އެ ކަމަށް އިޖާބަދީފައި،" ޝެއިންބޯމް ވިދާޅުވި އެވެ. 
ކުރިން ހަމަޖެހިފައި އޮތީ އިރާނުން އެމެރިކާގެ އެރިޒޯނާގައިި މަޑުކުރާގޮތަށެވެ. އެކަމަކު، އިޒްރޭލާއި އެމެެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އަދިވެސް ހައްލަކަށް އާދެވިފައިނުވާތީވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އިރާން ޓީމަށް، އެމެރިކާގައި ތިބުމުގެ ހުއްދަ ނުދޭން ނިންމީ އެވެ. 
އިރާނުން ވޯލްޑް ކަޕަށް ތައްޔާރުވުމަށްޓަކައި، މި ވަގުތު ކޭމްޕް ޖަހައިގެން ތިބީ ތުރުކީގެ އަންތަލްޔާގަ އެވެ. 
އިރާނުގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު ދޮންޔަމާލީ ވިދާޅުވީ، ފީފާ އިން ވަނީ އިރާން ޓީމުގެ ހުރިހާ އޮފިޝަލުންނަށް އެމެރިކާގެ ވިސާ ހަމަޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައި ކަމަށެވެ. އަދި، އިރާންގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ނުލިބޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ދޮންޔަމާލީ ވަނީ ވިދާޅުވެފަ އެވެ. 
ދާދި ފަހުން ކެނަޑާގެ ވެންކޫވާގައި ބޭއްވި ފީފާގެ ކޮންގްރެސްގައި، އެ ފެޑެރޭޝަންގެ 211 ގައުމުގެ ތެރެއިން ބައިވެރިނުވެވުނީ އިރާންގެ އޮފިޝަލުންނަށް އެކަންޏެވެ.
އިރާންގެ މީޑިއާއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކުރި ގޮތުގައި، އިރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، މެހެދީ ތާޖު ހިމެނޭހެން އިރާންގެ އޮފިޝަލުންނަށް ކެނަޑާ އަށް އެރުމުގެ ހުއްދަ ކެނަޑާ އިމިގްރޭޝަނުން ދީފައިނުވެ އެވެ.
ކެނަޑާގެ ފޮރިން އެފެއާޒް މިނިސްޓަރު، އަނިޓާ އަނަންދު ވިދާޅުވީ، އިރާންގެ އޮފިޝަލުން ކެނަޑާ އަށް އެތެރެވުމަަށް ހުއްދަ ދެވޭނެ ހާލަތެއް ނެތް ކަމަށެެވެ.
އިރާންގެ ފުޓްބޯޅަ ރައީސް ތާޖު އަކީ، އެ ގައުމުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ކަމަށް ބުނެ، ކެނަޑާ އަށް އައުމަށް އޭނާ އަށް ފުރުސަތު ނުދިނީ، އައިއާރްޖީސީ އަކީ ކެނަޑާ އިން ލިސްޓު ކޮށްފައިވާގޮތުގައި، ޓެރަރިސްޓް ޖަމާއަތެކެވެ. ތާޖު ވަނީ މީގެ ކުރިން، އައިއާރްޖީސީގެ އިސް އޮފިޝަލެއްގެ މަގާމު އަދާކޮށްފަ އެވެ. އެކަމަކު، އިރާންގެ އެފްއޭގެ މަގާމާ ހަވާލުވުމުގެ މާ ކުރިން، ތާޖު ވަނީ އައިއާރްޖީސީގެ މަގާމުން ދުރުވެފަ އެވެ. 
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ