މި އަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ވަދެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އަރަފާތަށް ނުދެވި މި ވަގުތު ހުރި ހަމައެކަނި ހައްޖުވެރިޔާއަކީ ބަލިވެގެން މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހެކެވެ. ނަމަވެސް އޭނާ ވެސް އަރަފާތު ބިމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވި އެވެ.
"އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފަ. އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު،" ޝަހީމް ވިދާޅުވި އެވެ.
ހައްޖަށް ދިޔަ ދިވެހި ފިރިހެނަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނީ އޭނާގެ ހަކުރު މައްޗަށް ގޮސްގެން ކުއްލި އަކަށް ހާލަތު ގޯސްވެގެން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
ރާއްޖެއިން މި އަހަރު 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވެ އެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 11،000 މީހުންގެ އިތުރުވުމެކެވެ.
ދިވެހި ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ