ސްކައި ބީޗް ޗެލެންޖުގެ ތަށި ޒިގްޒެގަށް، މުބާރާތުގެ ކިންގަކަށް ހުސެއިން!

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އަދި ހިރަފުސް ސްޕޯޓްސް ކުލަބުން ގުޅިގެން މިއަހަރުގެ އީދާ ދިމާކޮށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ސްކައި ބީޗް ޗެލެންޖުގެ ޗެމްޕިއަންކަން ޒިގްޒެގުން ހޯދައިފި އެވެ.
ކުޅުދުއްފުށި ބީޗް އެރީނާގައި އީދާ ގުޅިގެން ކުރިއަށްގެންދިޔަ ބީޗް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ޒިގްޒެގާއި ސްޓޯން ބައްދަލުކުރި މެޗު 3 - 2 ން ކާމިޔާބުކުރީ ޒިގްޒެގުންނެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޒިގްޒެގުންނެވެ. 2 ލަނޑުގެ ލީޑެއްގައި ޒިގްޒެގް އޮއްވާ ސްޓޯނުން ފަހަތުން އަރާ އެއްވަރުކުރި ނަމަވެސް މެޗުގެ ފަހުކޮޅު ޒިގްޒެގުގެ މަތީން ބަޝީރުގެ ލަނޑާއެކު މުބާރާތުގެ ތަށި ހިއްލާލީ ޒިގްޒެގުންނެވެ.
ޑްރީމް ޓީމް--- ފޮޓޯ: ސްކައި
ކިންގް ހުސެއިން އަހްމަދު--- ފޮޓޯ: ސްކައި
ފައިނަލެއްގެ ފޯރި މިމެޗުން ވަރަށް ރަނގަޅަށް ފެނިގެންދިޔަކަން ފާހަގަކޮށްލެވެ އެވެ. މިމެޗުގައި ގިނަ ސަޕޯޓަރުން އަދި ކުޅުންތެރިން ވެސް ނިންމުމާ ނުރުހުން ފާޅުކުރިއިރު ރަތް ކާޑެއް ވެސް މިމެޗުގައި ފެނިގެންދިޔަ އެވެ.
މެޗުގައި ޒިގްޒެގުގެ ކީޕަރު ޒިޔާން ސްޓޯންގެ ޒައިދު މުހައްމަދަށް ކުރި ފައުލަކާ ގުޅިގެން ސްޓޯންއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ކީޕަރު ޒިޔާނަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު ސްޓޯންގެ ޕެނަލްޓީ ދިޔައީ ބޭރަށެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޒިގްޒެގުގެ ހުސެން އަހްމަދެވެ. މިމުބާރާތުގެ ފައިނަލަށް ޒިގްޒެގު ދަތުރުކުރީ ސެމީގައި މަގުލަސް ޖޫނިއާސްގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި ސްޓޯނުން ފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން މަގުލަސް ބަލިކޮށެވެ.
ޓޮޕް ސްކޯރާ އަނޫސް--- ފޮޓޯ: ސްކައި
ފައިނަލު މެޗުގެ ތެރެއިން--- ފޮޓޯ: ސްކައި
މިފަހަރުގެ ބީޗް ޗެލެންޖުގެ ހާއްސަ ވަނަތަކަށް ބަލާލާއިރު މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޒިގްޒެގުގެ ހުސެން، އަނޫސް އަދި ޒިޔާންގެ އިތުރުން ސްޓޯންގެ އަޖޫ އަދި އަމްޖަދެވެ.
12 ލަނޑާއެކު މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދީ ޒިގްޒެގުގެ އަރަމުން އަންނަ ޒުވާން ތަރި އަނޫސް އެވެ. އަދި މިފަހަރުގެ ޗެލެންޖުގެ ކިންގަކަށް ހޮވުނީ ޒިގްޒެގުގެ ހުސެން އަހްމަދެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ޒިގްޒެގަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ