އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 2-0 ނަތީޖާއަކުން ބާޔާން މިޔުނިކް ބަލިކޮށް ޕީއެސްޖީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ދެވަނަ ބުރުގައި އެމެރިކާގެ އިންޓަ މިއާމީ 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ބަޔާން މިޔުނިކް ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ބްރެޒިލްގެ ފްލެމެންގޯ 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބަޔާން މިޔުނިކްގެ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ބަޔާން މިޔުނިކުން ރަނގަޅަށް ކުޅެމުންދަނިކޮށް ޕީއެސްޖީ އިން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑިޒެއާ ޑޫއޭ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ޑިފެންޑަރު ވިލިއަމް ޕަޗޯ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އެނާއަށް ސީދާ ރަތް ކާޑެއްދައްކައި ދަނޑުން ފޮނުވާލާފައެވެ.
ޕީއެސްޖީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިފެންޑަރު ތިއޯ ހޭނާންޑޭޒްއަށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެއްކި ރަތްކާޑެކު އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން ފަހު ހަތަރު މިނެޓް ނުވަ ކުޅުންތެރިންނާއެކު ކުޅެންޖެހުމުންނެވެ. ނަމަވެސް އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
ކުލަބް ވޯލްޑްކަޕް: ބަޔާން ކަޓުވާލުމަށްފަހު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ