ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރިކަމުގެ ތުހުމަތުގައި 48އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން އިއްޔެ ބަންދުކޮށްފިއެވެ. މި މައްސަލައިގައި ބަންދުކޮށްފައި ވަނީ، ސުވާސާގެ، ސ. ފޭދޫ އިބްރާހީމް ސައީދުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓިކަމަށެވެ. ކޯޓު އަމުރުގައި ވާގޮތުން، މިއީ އިތުރު ބައެއްގެ ބައިވެރިވުމާއެކު ހިންގާފައިވާ އަމަލެއް ކަމަށް ބެލެވެއެވެ. އަދި އަނިޔާ ލިބުނު މީހާގެ އަނިޔާތަކަށް ބަލާއިރު ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްފައިވާކަމަށް ބެލެވޭ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާ ހިފަހައްޓާފައި ވަނީ ކޮންތާކު ކަމެއް ކޯޓު އަމުރުން ސާފެއް ނުވެއެވެ. މި ކުށް ސައީދު ކުރިކަމަށް ތުހުމަތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ކޯޓު އަމުރުގައި ވެއެވެ. އެގޮތުން، އަނިޔާ ލިބުނު މީހާގެ ބަޔާނާއި ހެކިންގެ ބަޔާން އަދި އިންޓެލިޖެންސް ރިޕޯޓު ހިމެނެއެވެ. ހުއްދަ ނޫން ގޮތުގައި މާލޭ ގެއެއްގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ސަލާމަތްކޮށްފައެވެެ. https://sun.mv/208119 މިކަމާ ގުޅިގެން ފުލުހުން އެދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓެއް ލިބުނީ، ހެނދުނު 06:00 ހާއިރު ކަމަށެވެ. މި ރިޕޯޓާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ ސަލާމަތް ކުރިއެވެ. މިއީ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ގެންދިޔައެވެ. ސައީދަކީ މި މައްސަލައިގައި ޝާމިލުވާ މީހެއްކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ