ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) - ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަަލުގައި ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ޕީއެސްޖީން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި، 2-0 އިން ބަޔާން މިއުނިކް ބަލިކޮށްފަ އެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ރޭ 75،000 އަށް ވުރެން ގިނަ ސަޕޯޓަރުން ކުރިމަތީގައި ރޭ ކުޅުނު މެޗުން ރެއާލް ވަނީ ފުރަތަމަ 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ފުރަތަމަ ގޯލު ޖެހީ 10 ވަނަ މިނިޓްގަ އެވެ. މިއީ، އާޑާ ގުލާ ނަގައިދިން ހުރަހަކުން ގޮންޒާލޯ ގާސިއާ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، ގާސިއާ ވަނީ މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ބެންފީކާގެ އެންހެލް ޑި މާރިއާ އާއި އަލް ހިލާލްގެ މާކޯސް ލެއޮނާޑޮއާ އެއްވަރުކޮށްފަ އެވެ. ތިން ކުޅުންތެރިން ވެސް ހަތަރު ގޯލު ޖަހާފައިވާއިރު، މުބާރާތުގައި ދެން ވެސް ގޯލެއް ޖެހުމުގެ ފުރުސަތު އޮތީ ގާސިއާ އަށެވެ. އެއީ، ބެންފީކާ އާއި އަލް ހިލާލް ކަޓާފައިވާތީ އެވެ.
އޭގެ 10 މިނިޓް ފަހުން، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ރެއާލްގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ، ފްރާން ގާސިއާ އެވެ.
ރެއާލުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގައި ގިނަ ކަންތައްތަކެއް ހިނގައިދިޔައީ ފަހު ވަގުތުގަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި، ޑޯޓްމަންޑްގެ މެކްސިމިލިއަން ބައިއާ ގޯލެއް ޖަހައި ފަރަގު ކުޑަކުރިތާ އިރުކޮޅެއްގެ ތެރޭގައި، ރެއާލުން ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ކީލިއަން އެމްބާޕޭ ވަނީ އެކްރަބެޓިކް ކިކުން ގޯލު ޖަަހައި، އަލުން ލީޑުފުޅާކޮށްދީފަ އެވެ.
އޭގެ ފަހުން، ޑޯޓްމަންޑްގެ ސޭހޫ ގިރާސީ އަށް ރެއާލްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، ޑީން ހައުސަން ފައުލެއް ކުރުމުން އޭނާ އަށް ރަތް ކާޑެއް ދައްކައި، ޑޯޓްމަންޑަށް ޕެނަލްޓީއެއް ދިނެވެ. ގިރާސީ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް އަނެއްކާ ވެސް ރެއާލުގެ ފަރަގު ކުޑަކޮށްފަ އެވެ.
ރެއާލާއި ޕީއެސްޖީ ކުޅޭ ސެމީ ފައިނަލް މެޗު މި މަހުގެ ނުވަ ވަނަ ދުވަހު ކުޅޭއިރު، ޗެލްސީ އާއި ފްލުމިނެންސޭ ކުޅޭ އަނެއް ސެމީ ފައިނަލް އޭގެ އެއް ދުވަސް ކުރިން ކުޅޭނެ އެވެ.
ޑޯޓްމަންޑް ބަލިކޮށް ރެއާލް ކްލަބް ވޯލްޑް ކަޕްގެ ސެމީގައި ޕީއެސްޖީއާ ދެކޮޅަށް ޑޯޓްމަންޑް ބަލިކޮށް ރެއާލް ކްލަބް ވޯލްޑް ކަޕްގެ ސެމީގައި ޕީއެސްޖީއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ