ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ފެށި އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން އެނގިއްޖެ އެވެ.
މިކަން އެނގިފައިވަނީ ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދުން އަވަސްކުރަން އެދި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ އަކުންނެވެ.
އެ ސިޓީގައި ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދެއްކުމަށް ލޯނު ނަގަނީ ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. ލޯނުތައް ނެގުމަށްފަހު އެ ފައިސާ އޮންލެންޑު ކުރަނީ މި މަޝްރޫއު ހިންގާ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެއްވެެގެން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (މިޑް ފްރީ ޒޯން) އަށެވެ.
އެ ލޯނުތައް ހަމަޖެހެމުގެ ކުރިން، ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން ކޮންޓްރެކްޓަރަށް ފައިސާ ދެއްކުމަށް އެ ސިޓީގައި ރައީސް އޮފީހުން ވަނީ ފައިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.
މި ތިން ލޯނުގެ ޖުމްލަ އަކީ 600 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ގުނާނަމަ 9.3 ބިލިއަން ޑޮލަރެވެ. މިފަދަ ޕްލޭނެއްގެ ދަށުން ލޯނު ނަގައިގެން ރަސްމާލެ ހިއްކަން ނިންމާފައިވާ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ފެތުރުނެވެ.
މި އަދަދުތައް ބާރުދޭ އަނެއް ކަމަކީ ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެން ވެސް ހަރަދުވާނެ" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައި އޮތުމުންނެވެ.
ރައީސް އޮފީހުން ޖުލައި 1، ގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަށް ފޮނުވި ސިޓީއަކީ ސައްހަ ސިޓީއެއްކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ސިޓީގެ މައުލޫމާތު އެނގޭ ދެ އޮފިޝަލަކު އެ ސިޓީގެ ސައްހަކަން މި ނޫހަށް ކަށަވަރުކޮށްދިނެވެ. އެ ކަމާ ގުޅޭ ގޮތުން ރައީސް އޮފީހަށް މި ނޫހުން ގުޅުމުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ. ލޯނު ނަގައިގެން ހޯދާ ފައިސާ ދޭނީ މި ކުންފުނިތަކަށެވެ.
ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ބުނެ ޑިސެމްބަރު 18، 2023، ގައި ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ 30 ޕަސެންޓު ވެސް އަދި ނުހިއްކެ އެވެ. ސަރުކާރުން މިހާރު ބުނަނީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ. މިއީ މި މަޝްރޫއުގެ ބިން ހިއްކުން ނިންމުމަށް ސަރުކާރުން ދިން ތިންވަނަ ތާރީހެވެ.
ރަސްމާލެ ހިއްކަން ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަނީ ރަސްމާލެ ހިއްކަން ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ