ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފަ އެވެ. ޕީއެންސީއަށް ސުޕާ މެޖޯރިޓި އޮތް މަޖިލިހުން ނަގާ ވޯޓުގައި ނާޒިމް ވަކިކުރާނެ އެވެ.
މިހާރު އޮތް އެއް ސުވާލަކީ ނާޒިމް ވަކިކުރުމަށް ފަހު، އެ މަގާމަށް ޕީއެންސީ ގެންނާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ ޕީއެންސީގެ ޕީޖީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ކޮން ބޭފުޅެއް ގެންނަން ހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބު މާދަމާ ނުވަތަ ވަރަށް އަވަހަށް ލިބޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މި މަގާމަށް އަންނާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅަކު އެބަ ތިއްބެވެ. އެއީ:
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)
ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)
މިއީ ޕީއެންސީގެ 75 މެންބަރުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ހުރި މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅުންނެވެ. މަދުވެގެން ދެ ދައުރުގައި މެމްބަރުކަން ކުރެއްވި އެވެ.
މިއީ ޝުޖާއު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ފަހަރެވެ. އަށާރަ ވަނަ މަޖިލިސް، 2014 އިން 2019އަށް، ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ.
ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތީ އެވެ. އެކަމަކު 2021ގެ ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަން ހޯއްދެވި އެވެ. އޭރު މާލޭގެ މޭޔަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ.
ޝުޖާއުއަކީ، ޕީއެންސީގެ ނައިބު ރައީސް އަދި ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ. ޕީޕީއެމް އިދިކޮޅުގައި އޮތްއިރު ޕާޓީގެ ހަރަކާތްތަކުގައި އިސް ސަފުން އޭނާ ފެނުނެވެ.
އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އައުމަށް ޝުޖާއުގެ ޝައުގުވެރިކަން އެބަ އޮތެވެ.
މިއީ ތޯރިގް މަޖިލީހުގެ މެންބަރުކަން ކުރައްވާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ މަޖިލީހަށް އިންތިހާބުވީ 2013ގަ އެވެ. އޭގެ ފަހުން މަހިބަދޫ ދާއިރާގެ ގޮނޑި އޭނާގެ އަތުން ނުގެއްލެ އެވެ.
މަޖިލިހުގެ އާ ނައިބު ރައީސަކަށް އަންނާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ތައުލީމީ ބޭފުޅަކީ ވެސް ތޯރިގެވެ. އޭނާ ވަނީ ސީއެޗުއެސްއީގައި އޭ ލެވެލް ހެއްދެވުމަށް ފަހު މެލޭޝިއާގައި އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްެރީ ހާސިލްކުރައްވައިފަ އެވެ.
މިހާރުގެ މަޖިލިސް ފެށުނު އިރު ޕީއެންސީ ޕީޖީގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި އެވެ. ނަމަވެސް ފަހުން އޭނާ އަމިއްލައަށް އެ މަގާމުން ވަކިވަޑައިގަތީ އެވެ.
ސިޔާސީ ޒިންމާތަކުގެ އިތުރުން ގައުމީ ޓީމުގެ ކުރީ ފޯވަޑް ތޯރިގަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ވެސް މެ އެވެ.
މިއީ ފަލާހު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ފަހަރެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުން މަޖިލިހަށް ފުރަތަމަ ވެންނެވީ 2014ގަ އެވެ. އެކަމަކު ޖުމްހޫރީ ޕާޓީން ނުކުމެވަޑައިގެން 2019ގެ އިންތިހާބު ކާމިޔާބެއްނުކުރެއްވުނެވެ.
އޭގެ ފަހުން ފަލާހު ސިޔާސީ ގޮތުން އެހާ ހަރަކާތެރިކޮށް ނުފެނުނެވެ. އޭނާ ޕީޕީއެމްއާ އަލުން ގުޅިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެވެ.
ފަލާހަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް އަދި އިތުބާރުކުރައްވާ އެއް މެންބަރެވެ. އޭގެ ހެއްކަކީ ޕީޖީ ލީޑަރަކަށް ހުންނެވުމެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ފަލާހުގެ ޝައުގުވެރިކަން ބޮޑެވެ. އެކަމަށް އޭނާ އަންނަނީ މަސައްކަތް ވެސް ކުރައްވަމުންނެވެ.
މިއީ މިވަގުތު ރައްޔިތުންގެ މަޖިލިހުގައި އިންނެވި އެންމެ ގިނަ ދުވަސް ވީ އެއް މެމްބަރެވެ. އެގޮތުން 2004 އިން ފެށިގެން މިހާތަނަށް މަޖިލިހުގައި އޭނާ ހޭދަކުރައްވަމުން އެ ގެންދަވަނީ ފަސް ވަނަ ދައުރެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހުގައި މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް ސަލީމެވެ.
އޭނާއަކީޚ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީގެ ތެރެއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ. މި މަޖިލީހުގައި މިހާތަނަށް ހޮވި ދެ ބަޖެޓު ކޮމިޓީގެ މުގައްރިރަކީ ވެސް އޭނާއާ އެވެ.
މި ހަތަރު ބޭފުޅުންގެ ތެރެއިން ހާޒިރީ އެންމެ ރަނގަޅަށް އޮތީ ފަލާހާއި ޝުޖާއުގެ އެވެ.
ނައިބު ރައީސަކީ މަޖިލީހުގެ ރައީސް ނެތް ހާލަތުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެވެ.
މި ހަަތަރު ބޭފުޅުންގެ ބޭރުން ވެސް ނައިބު ރައީސްގެ މަގާމަށް އެހެން މެމްބަރަކު އައުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ނަމަވެސް ޕީއެންސީގެ ބައެއް މަންބަރުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާތަނަށް މޭޒު މަތީގައި މި ހަތަރު ބޭފުޅުންގެ ނަމެވެ.
ގޮތް ނިންމަވާނީ ރައީސް މުއިއްޒެވެ.
މަޖިލީހުގެ ނައިބު ރައީސްއަށް މީގެ ތެރެއިން ކޮން ބޭފުޅެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ