ނ. އަތޮޅަށް މި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކުއްލިއަކަށް ފަސްކޮށްފި އެވެ.
ނ. އަތޮޅަށް ރައީސް ދަތުރެއް ކުރަން ނިންމަވަފައިވާކަން އެ އަތޮޅުގެ ކައުންސިލްތަކަށް ރައީސް އޮފީހުން އޮތީ ރަސްމީކޮށް އަންގައިފަ އެވެ. އަދި ދަތުރުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ އަތޮޅުގެ ވެރިކަން ކުރާ މަނަދޫއަށް ސިފައިންނާއި ރައީސް އޮފީހުގެ ބޭފުޅުން ވެސް އިއްޔެ ވަޑައިގެން ހަރަކާތްތެރިވި ކަމަށް އެ އަތޮޅު ކައުންސިލުން "އަދަދު" އަށް މައުލޫމާތު ދިނެވެ.
ނަމަވެސް މިއަދު ކުއްލިއަކަށް އެ ދަތުރު ފަސްކޮށްފައިވާކަން ކައުންސިލްތަކަށް ފޯނުން ގުޅައި އަންގާފައިވާ ކަމަށް ނ. އަތޮޅު ކައުންސިލުގެ ރައީސް، މުހައްމަދު ބަޝީރު އަދި ވެލިދޫ ކައުންސިލުގެ ރައީސް، އާތިފް ހުސެއިން މި ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދުއާ ސުވާލު ކުރުމުން ވިދާޅުވީ ނ. އަތޮޅަށް ރައީސް ދަތުރު ކުރައްވަން ނިންމަވާފައިވާ ތާރީހެއް އަދި އެނގިފައި ނެތް ކަމަށެވެ.
"އަދި އެނގިފައެއް ނެތް، ދަތުރުފުޅެއް އުޅޭނަމަ އެ އޮންނަ އުސޫލުގެ ތެރެެއިން މައުލޫމާތު ހިއްސާ ކުރާނެ،" މެސެޖުން ހީނާ ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ރައީސް ނ. އަތޮޅަށް ވަޑައިގަންނަވަން ނިންމުމުން އެ އަތޮޅަށް ޕީއެސްއެމްގެ ޓީމެއް ވެސް ވަނީ ކުރީ ބައިގައި ފޮނުވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ފަސްކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ދަތުރު ފަސްކުރީ އެ އަތޮޅު އެއްވެސް ރަށެއްގައި ސަރުކާރުގެ އެއްވެސް މަޝްރޫއުއެއް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުން ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވަނީ ވިދާޅުވެފަ އެވެ.
"މި ގޮތަށް [ނ. އަތޮޅަށް މި ހަފުތާގައި ދަތުރު ނުކުރައްވަން] މި ނިންމެވީ ނ. އަތޮޅުގެ އެއްވެސް ރަށެއްގައި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ ނ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުން ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުން ހާސިލުވާނެ އެއްވެސް ކަމެއް މިވަގުތު ނެތްތަކަން ޔަގީންވުމުން،" އެކްސްގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު ކުޅުދުއްފުށްޓަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ފަސްކުރަން ނިންމާފައި މިވަނީ އެމަނިކުފާނުގެ ދަތުރާ ގުޅިގެން ފާޑުކިޔުން ވެސް އަމާޒުވެފައި ވަނިކޮށެވެ.
ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު، ޕްރެޝަރާ ހެދި ފަސްކޮށްފި ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު، ޕްރެޝަރާ ހެދި ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ