މަތީ ތައުލީމް ނިންމާފައި މަސައްކަތުގެ މައިދާނަށް
ނިކުތުމާއެކު ބައެއް ދަރިވަރުން ތައުލީމީ މައިދާނުން ފެނުނު ނަތީޖާ އަމަލީ މައިދާނުގައި
ފެންނަމުންނުދާ ވާހަކައަކީ މިއަދު އަހަރެމެންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. ގުޅުންހުރި
ވަޒީފާގެ ދާއިރާއިން ކޯސްތައް ހަދައި ރަނގަޅު ނަތީޖާއާއެކު އައިނަމަވެސް މަސައްކަތުގެ
މައިދާނުގައި އެ ގާބިލުކަން ފެނިގެން ނުދާކަމީ ވަޒީފާދޭ ތަންތަނުން ފާހަގަކުރަމުން
އަންނަކަމެކެވެ.
ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ނަން
ހާމަނުކުރުމަށް ޝަރުތުކޮށް ނަން މަޝްހޫރު އަމިއްލަ ކުންފުންޏެއްގެ ވެރިއަކު ބުނީ، މިހާރު ވަޒީފާއަށް ވައްދާ ކުއްޖަކަށް ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް
އިބާރާތްކޮށް ސިޓީއެއް ނުވަތަ މެއިލްއެއްވެސް ލިޔެލަން ނޭނގޭކަމަށާއި، އިލްމީ
ފެންވަރަށް ބަލައި ވަޒީފާދޭން ޖެހިލުންވާފަހަރުވެސް އަންނަކަމަށެވެ.
" ޕްރެޒެންޓޭޝަނެއް ހަދަން ދިނީމަވެސް އަޅުގަނޑުމެންނަށް
ފާހަގަވިކަމަކީ އެ ކުއްޖާއަށް ލިބިފައިވާ އިލްމީ ގާބިލްކަން ހަގީގަތުގައި ނުފެނޭ
އިނގޭތޯ. ބައެއް ކުދިންނަށް މީހުންނާ ރަނގަޅަށް މުއާމަލާތް ކުރުމުގެ ހުނަރުވެސް
ނުހުރޭ. އެކަމް އޭނަ ހެދި މާކެޓިން ކޮމިޔުނިކޭޝަން ކޯހުގެ ނަތީޖާ ވަރަށް ރަނގަޅު
އެނގޭތޯ" ކުރިން ވާހަކަ ދެއްކި ކުންފުނީގެ ވެރިޔާ ވިދާޅުވިއެވެ.
މި މައްސަލައަކީ މިހާރު ވަރަށް ގިނައިން ދިމާވާ
މައްސަލައެކެވެ. މިގޮތަށް މިކަން ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ރާއްޖޭގައި
މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާ ވަރަށްގިނަ މަރުކަޒުތައް މިއަދު
އެބަހުއްޓެވެ. ތައުލީމުދޭ މަރުކަޒުތައް ގިނަވެގެންދިޔައިރު،
ފާހަގަކުރެވުނު އެހެންކަމެއްވެސް އެބައޮތެވެ. އެއީ އަގަށް އެސައިމަންޓް ހައްދައިގެން ހުށަހެޅުމެވެ. މިއީ ރައްޖޭގައި މިހާރު ވަރަށްބޮޑަށް އާއްމުވެފައިވާ ކަމެކެވެ. މަތީ
ތައުލީމް ނިންމާފައި ނިކުންނަ ގިނަކުދިންގެ ފެންވަރު ފަހަރެއްގައި ދަށްވަނީ މިއީކަމަށްވުންވެސް
ގާތެވެ.
މި މައުލޫގައި ވޮއިސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ އަގަށް
އެސައިމަންޓް ތައްޔާރުކޮށްދިނުން އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިހާރު
ސޯޝަލް މީޑިއާގައި އެކަމަށް ހާއްސަ ޕޭޖްތައް ހިންގަމުންދާކަން ފިޒާނާ ވިދާޅުވިއެވެ.
އެގޮތަށް ހިންގަމުން އައި ޕޭޖެއްގެ މައްސަލަ ބަލައި ފުލުހަށް ހުށަހަޅައި އެކަން
ކުރި އަވައްޓެރި ޤައުމަކަށް ނިސްބަތްވާ ޓީޗަރަކު ޑީޕޯޓްކޮށްފައިވާކަންވެސް އޭނާ ވިދާޅުވިއެވެ.
އެ ޓީޗަރު ރާއްޖެއިން ޑީޕޯޓް ކުރުމަށްފަހުވެސް އެ ޕޭޖް ފަހުންވެސް
ހިންގަމުންދިޔަކަންވެސް ފިޒާނާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެސައިމަންޓް ހައްދައިދޭ ޕޭޖްތަކާއި ވެބްސައިޓްތައް އިތުރުވަމުން އަންނަކަން ފިޒާނާ ފާހަގަކުރެއްވިއެވެ.
ވަގަށް އެކަން ކުރާ ބަޔަކު އެކަން އެބަކުރޭ. އެކުރެވެނީ އިލްމުން ވައްކަން އިނގޭތޯ. މިއީ އަޅުގަނޑުމެނަށް އެކަނި ހުއްޓުވޭނޭ ކަމެއްނޫން އިނގޭތޯ. މިކަމުގައި ކޮލެޖްތަކުން ވެސް ޒިންމާއެއް ނަގަން ހައި އެޑިޔުކޭޝަން އިންސްޓިއުޝަންތަކުން ޒިމާއައް ވަރަށް ބޮޑަށް ނަގަން އެބަ ޖެހޭ
ފިޒާނާ ވިދާޅުވިއެވެ
ފިޒާނާ ވިދާޅުވީ މަތީ ތައުލީމުގެ ޤާނޫނުގެ ދަށުން އިންސްޓިޓިއުޝަންތަކަށް
އެބާވަތުގެ ކަންކަމުގައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮންނާނޭކަމަށެވެ. އެފަދަ
އުސޫލެއް އެތަންތަނުގައި ނެތްނަމަ، އުސޫލު ހަދައި ފިޔަވަޅުތައް އަޅަންޖެހޭކަން
އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މަތީތައުލީމާބެހޭ ގާނޫނު ބުނާގޮތުންނަމަ
އެސައިމަންޓެއް އަގަށް ތައްޔާރުކޮށްދީފިނަމަ އެކަންކުރި ދަރިވަރަކު 5،000
ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި އެސައިމަންޓެއް ހަދައިދިން ފަރާތެއް 10،000
ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ރާއްޖޭގައި އަގު ދީފައި އެސައިމަންޓްތައް
ހެދުމުގެ ކަންކަން ބޮޑުވެފައިވާއިރު، މިފަދަ ނޭދެވޭ ކަންކަން ހައްލުކުރެވޭނީ ތައުލީމްދޭ
އިންސްޓިޓިއުޝަންތަކުންވެސް އެކަމަށް އެއްބާރުލުން ދީގެންކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ފާހަގަކުރެއެވެ.
އަގަށް އެސައިމަންޓް ހަދައިދިނުމުގެ މައްސަލަ; އަދިވެސް ވަރަށްބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ