ދުބާއީގައި ސަރުކާރު މުވައްޒަފުން މަސައްކަތްކުރާނީ ހަފުތާއަކު ހަތަރު ދުވަސް ކަމަށް ހަމަޖައްސައިފި އެވެ.
މި މަހު އެކަކުން ފެށިގެން ހޫނު މޫސުމުގައި މަސައްކަތްކުރާ ވަގުތު ފަސް ދުވަހުން ހަތަރު ދުވަހަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް މަދުކުރީ އޭގެ ކުރިން އެކަމާ ބެހޭ އަޖުމަބެލުމެއް މިދިއަ އަހަރު ކުރިއަށް ގެންގޮސްފަ އެވެ.
'އަވާ ފްލެކްސިބަލް ސަމާ'ގެ ނަމުގައި ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާނީ 12 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
މި ނިންމުމުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފުންނަށް މަސައްކަތުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ބުރޫނާރާ ގޮތެއްގައި ކުރިއަށް ގެންދަން ބާރުއެޅުމެވެ.
ދުބާއީގައި ސަރުކާރުގެ 21 އިދާރާއެއްގެ މުވައްޒަފުން ބޭނުންކޮށްގެން މިދިއަ އަހަރު ހިންގި އަޖުމަބެލުމުގެ މަރުހަލާއިން އެނގުނީ ހަފުތާއަކު ހަތަރު ދުވަހަށް ބަދަލުކުރުމުގެ ފައިދާތަކެއް ހުރި ކަމެވެ. އެގޮތުން މުވައްޒަފުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑުވި ކަމަށް ދެއްކި އެވެ. މީގެ އިތުރުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ މަސައްކަތުގެ މާހައުލަށް ވެސް ހެޔޮ ބަދަލެއް އައި ކަމަށް ފާހަގަކުރެވުނެވެ.
އެހެންކަމުން މި އަހަރު މި ބަދަލު ސަރުކާރުގެ ހުރިހާ އޮފީހަކަށް ގެނައީ އެވެ.
ދުބާއީގެ ސަރުކާރުގެ ހިއުމަން ރިސޯސް ދާއިރާގެ އޮފިޝަލަކު ވިދާޅުވީ މި ގޮތަށް ބަދަލުކުރީ މުވައްޒަފުންނާ ވީހާވެސް ގާތުން ސިޔާސަތުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.
ދުބާއީގެ އަމިއްލަ ވިޔަފާރިތަކުން އެގޮތަށް އަމަލްކުރާކަށް ނުޖެހެ އެވެ. ނަމަވެސް ސަރުކާރުން ބާރުއަޅަނީ އަމިއްލަ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ވެސް ލުއިތަކެއް ދިނުމަށެވެ.
ދުބާއީ ސަރުކާރުން ނޮވެމްބަރު 2024ގައި ނެރުނު ދިރާސާއަކުން ބުނާ ގޮތުގައި މަސައްކަތްކުރާ ވަގުތު މަދުކޮށް ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އުސޫލުތައް ހަމަޖައްސައިފި ނަމަ އެ ތަނުގެ މަގުތައް ތޮއްޖެހުން ކުޑަކުރެވޭނެ އެވެ.
ދުބާއީގައި ސަރުކާރު މުވައްޒަފުން މަސައްކަތްކުރާ ދުވަސް ހަފުތާއަކު ހަތަރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ