މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެން އޮސްޓްރޭލިއާގެ އެކަޑަމީއެއް ރާއްޖޭގައި ޓުއާ އެއް މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެން އޮސްޓްރޭލިއާގެ އެކަޑަމީއެއް ރާއްޖޭގައި ޓުއާ އެއް

މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)އާ ގުޅިގެން، އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކާ އެކަޑަމީ (އައިއެސްއޭ) އިން ރާއްޖޭގައި މި މަހު 17 ވަނަ ދުވަހާ ހަމައަށް ޓުއާއެއް ފަށައިފި އެވެ.
ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަން (ވާމާ) އާއި އެމްއެސްއެމް އަދި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން އައިއެސްއޭއާ އެކު ކުރިއަށްގެންދާ މި ޓުއާގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފަ އެވެ. އައިއެސްއޭގެ ޓީމު ރޭ ވަނީ މާލެ އަތުވެފަ އެވެ.
އައިއެސްއޭގެ މި ޓުއާގައި، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ މެޗެއް ކުޅުމުގެ އިތުރުން، އެކަޑަމީތަކާ ވެސް މެޗުތަކެއް ކުޅޭއިރު، ކޯޗިން ކޭމްޕެއް ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ރޭވިފަ އެވެ.
އެ ގޮތުން، އައިއެސްއޭ އިން މެޗުތައް ކުޅެން ހަމަޖެހިފައިވަނީ، ކްލަބް ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސޮކަ މޭޓްސް، އަދި 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ. އެ ގޮތުން، މިއަދު، ހަވީރު އައިއެސްއޭ އިން ވެލެންސިއާއާ ކުޅޭނެ އެވެ. އަދި، މާދަމާ މާޒިޔާއާ ކުޅުމަށް ފަހު، ބުދަ ދުވަހު އެމްއެސްއެމްއާ ވާދަކުރާނެ އެވެ. ފަހު މެޗުގައި، މި މަހު 11 ވަނަ ދުވަހު 17 އަހަރުން ދަށުގެ ގައުމީ ޓީމާ ކުޅުމަށް ފަހު، އޭގެ ދެ ދުވަސް ފަހުން ޓްރެއިނިން ސެޝަނެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.
މިދިޔަ މަހު ހަތް ވަނަ ދުވަހު، އައިއެސްއޭ އިން 14 ވަނަ އަހަރީ ދުވަސް ފާހަގަކުރިއިރު، އެ އެކަޑަމީ އަކީ އެކި އުމުރުފުރާތަކުން ކުޅުންތެރިންނަށް ތަމްރީންދީ، މަތީ ލެވަލަށް ކުޅުންތެރިން ގެންގޮސްދިނުމުގައި މަގުކޮށައިދީފައިވާ އެކަޑަމީ އެކެވެ. އެ ގޮތުން، އޮސްޓްރޭލިއާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ސިސްޓަމްގެ ތެރެއަށް، އައިއެސްއޭ އިން ތަމްރީން ވި ގިނަ ކުޅުންތެރިން ވަނީ ގޮސް، މަތީ ފަންތީގެ ކްލަބްތަކަށް ކުޅެފަ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެހީތެރިކަމާ އެކު، އައިއެސްއޭގެ މި ޓުއާ، ގްރޭޓާ މާލެ ސަރަހައްދުގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، އެމްއެސްއެމް އިން ބުނީ، މީގެ ސަބަބުން ރާއްޖޭގެ އެކަޑަމީތަކާއި އަންނަން އޮތް ޖީލުގެ ކުޅުންތެރިންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.
އަދި، އައިއެސްއޭ އިން ހިންގާ ކޯޗިން ވޯކްޝޮޕްގެ ސަބަބުން އެކަޑަމީ ކޯޗުންނަށް ވެސް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އެމްއެސްއެމް އިން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ