ކޯޕެންހާގެން، ޑެންމާކް (ޖޫން 10) - މީގެ ދެ ދުވަސް ކުރިން، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޔޫކްރެއިނާ ދެކޮޅަށް ކުޅުނިކޮށް، ޑެންމާކްގެ ކެޕްޓަން، ކްރިސްޓިއަން އެރިކްސަަން، ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން ފަރުވާދިންއިރު، މިހާރު ކަންކަން ރަނގަޅުވަމުން އަންނަ ކަަމަށް ބުނެފި އެވެ.
ދެ ވަނަ ފަހަރަށް ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު އެރިކްސަން، 34، ރިޓަޔާކުރަން ޖެހޭ ކަމަށް ގިނަ ސަޕޯޓަރުން ޝުއޫރުފާޅުކުރި އެވެ. އެހެން ނަމަވެސް، އެރިކްސަން ނެރުނު ބަޔާނުގައި އެ ފަދަ ވާހަކައެއް ހިމަނާފައިނުވާއިރު، ރިޕޯޓްތައް ބުނާގޮތުން، ޖަރުމަނުގެ ވުލްފްސްބާގަށް ކުޅޭ އެރިކްސަން އަދިވެސް ހުރީ ކެރިއަރު ކުރިއަށްގެންދާ ގޮތަށެވެ.
މީގެ ކުރިން، 2021 ވަނަ އަަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގެ ތެރެއިން، ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 34 އަހަރުގެ އެރިކްސަން ވަނީ ހިތްހުއްޓިގެން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓިފަ އެވެ. އޭގެ ފަހުން، އެރިކްސަން ކުޅުމަށް އެނބުރި އައީ ޕޭސްމޭކަރެއް ލަައްވައިގެންނެވެ.
ޔޫކްރެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްސަން އަނެއްކާވެސް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން ފަރުވާދީފި. މީގެ ކުރިން 2021 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައިވެސް އޭނާގެ ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓިފައިވާއިރު، އޭނާ މިހާރު ކުޅެމުންދަނީ ޕޭސްމޭކަރެއް ލައްވައިގެން
ޔޫކްރެއިންއާ ދެކޮޅަށް ޑެންމާކުން ކުޅުނު މެޗުގައި އެ ޓީމުން 2-1 އިން ކުރީގައި އޮއްވައި، އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. ވަގުުތުން ރެފްރީ މެޗު ހުއްޓާލައި، އެރިކްސަންގެ ފަރުވާގެ ކަންަކަން އަވަސްކުރި އެވެ. ދެ ޓީމުގެ ކުޅުންތެރިން އެރިކްސަން އަށް ފަރުވާ ދިނުމަށްޓަކައި ވަށްބުރެއް ހަދައި، ޖާގަ ތަނަވަސްކޮށްދިނެވެ. ޑެންމާކުގެ ފުޓޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، އެރިކްސަން އަށް އަވަހަށް ދެވުނު ފަރުވާއާ އެކު މާ ލަސްތަކެއްނުވެ، އަލުން ނޯމަލް ހާލަތަށް ގެނެވިފައިވާ ކަމަށެެވެ. އަދި، މީގެ ފަސް އަހަރު ކުރިން، ދިމާވި ހާދިސާއާ ގުޅިގެން، އެރިކްސަން، ލައްވާފައިވާ ޕޭސްމޭކަރު، އޭގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރި ކަމަށް ވެސް ޑެންމާކް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
މި ފަހުން، އެރިކްސަން އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. އެ ގޮތުން، އެ ފަހަރު ދަނޑުމަތީގައި، ފަރުވާ ދިނުމަށް ފަހު، އެރިކްސަން ދަނޑުން ގެންދިޔައީ ވަގުތުން ހޮސްޕިޓަލަށެވެ. އެރިކްސަންގެ ހިތަށް ލައްވާފައިވަނީ، އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑިފިބްރިލޭޓާ (އައިސީޑީ)، ޕޭސްމޭކަރެކެވެ. އެއީ، އެރިކްސަންގެ ހިތުގެ ވިންދާއި ޕްރެޝަރު ނޯމަލް ރޭޓެއްގައި ކޮންޓްރޯލް ކުރުމާއި ހިތުގެ އިތުރު މައްސަލަ ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހަރުކުރި ޑިވައިސް އެކެވެ.
އެރިކްސަން ނެރުނު ބަޔާނުގައި ބުނީ، ދިމާވި ކަމަކީ މީގެ ފަސް އަހަރު ކުރިއާ މުޅިން ތަފާތު ކަމެއް ކަމަށެވެ. އަދި، މި ކަމާ ގުޅިގެން ޝޮކެއް ލިބުނު މީހުންނަށް ބުނެލަން އޮތީ އޭނާގެ އައިސީޑީން ކުރަން ޖެހޭ ކަންކަން ބަރާބަރަށް އަދާކުރި ކަމަށް ކަމަށާއި ރިކަވަރީ މިހާރު ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"މިހާރު އަހަރެންގެ ފޯކަަސް އަކީ ރިކަވަރީ، ދެން، އާއިލާއާ އެކު ވަގުތު ހޭދަކުރުން. ޗުއްޓީ އަކަށް ދިއުން، އަދި ދަރިންނާ އެކު ފުޓްބޯޅަ ކުޅެލުން،" އެރިކްސަން ބުނެފައިވެ އެވެ.
އެރިކްސަން ވަނީ އޭނާ އަށް މި ދިމާވާ ކަންތައްތަކުގައި ޑޮކްޓަރުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، އޭނާގެ ހިތުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ޑޮކްޓަރުންގެ ޓީމެއް އޮތުމަކީ، މި ކަމާ ގުޅިގެން ވިސްނަން ޖެހޭ ކަންކަމާ މެދު އޮތް ލުޔެއް ކަމަށް ވެސް އެރިކްސަން ވަނީ ބުނެފަ އެވެ.
ރިޓަޔާކުރުމުގެ ވިސްނުމެއް އެރިކްސަންގެ ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ