މެކްސިކޯ ސިޓީގައި ވޯލްޑް ކަޕުގެ ފެށުން: ރަސްމީ ފޭން ޒޯނުގެ ކޮންޓްރޯލް ގެއްލިފައި

މެކްސިކޯ ސިޓީ (ޖޫން 11) - މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައި މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވާއިރު، މެޗުތައް ބެލުމަށް ހަދާފައިވާ ރަސްމީ ފޭން ޒޯނަށް ވަނުމަށް ސަޕޯޓަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަޒްޓެކާ ސްޓޭޑިއަމަކީ 1970 ގައި ބްރެޒިލްގެ ޕެލޭ އަދި 1986 ގައި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕްގެ ތަށި އުފުލާލި ސްޓޭޑިއަމެވެ. މި ސްޓޭޑިއަމްގައި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާ އާއި ނައިޖީރިއާގެ ލަވަކިޔުންތެރިޔާ ބާނަ ބޯއީ ވަނީ މުބާރާތުގެ ރަސްމީ ލަވަ "ޑައި ޑައި" ހުށަހަޅާއިދީފަ އެވެ.
ދަނޑު ބޭރުން، ރަސްމީ ފޭން ޒޯނުގައި ޖާގައިގެ ދަތިކަން ކުރިމަތި ވެފައިވީ ނަމަވެސް، އެތައް ހާސް ސަޕޯޓަރުންނައް އެ ސަރަހައްދަށް ގަދަކަމުން ވަނުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ.
"މީހުން ކޮއްޕާ ކަންކަން ނުކުރޭ، މިތާނގައި ކުޑަކުދިން އެބަ އުޅޭ، ތި އުޅެނީ ޖަނަވާރުން އުޅޭހެން." ފޭން ޒޯނަށް ވަންނަން މަސައްކަތް ކުރި ސަޕޯތަރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި އޮފިޝަލެއް މެގަފޯނުން ގޮވި ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
މެކްސިކޯ ޓީމަށް ސަޕޯޓް ކުރުމުގެ އިތުރުން އެ ސަރަހައްދުގައި ތިބި ބައެއް ސަޕޯޓަރުން، ފުލުހުންނާ ދިމާއަށް ފެންފުޅި އުކި ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.
"މިއީ މޮޔަ ކަންކަން. މިއަށް ވުރެ އިންތިޒާމް ރަނގަޅުވާން ޖެހޭނެ،" އެ ސަރަހައްދުގައި ހުރި އުމުރުން 25 އަހަރުގެ މެކްސިކޯ ސަޕޯޓަރަކު ބުނެފައިވެ އެވެ.
މެކްސިކޯ ސަރުކާރުން ވަނީ އެ ސަރަހައްދު ފުރިފައި ވާކަމަށާއި، މެޗު ބެލުމަށް އެހެން ފޭން ޒޯންތަކަށް ދިޔުމަށް ސަރުކާރުގެ ސޯޝަލްމީޑިއާ މެދުވެރިކޮށް އާއްމުންނަށް ގޮވާލައިފަ އެވެ.
މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބަމް ވެސް ރަސްމީ ފޭން ޒޯނުގައި މެޗު ބެލުމަށް މީގެ ކުރިން ހަމަޖެހިފައި ވީ ނަމަވެސް، އެ ގައުމުގެ ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދޭން ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން އޭނާ އެ ސަރަހައްދަށް ހާޒިރެއް ނުވެ އެވެ.
މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާގައި ބާއްވާ މި އަހަރުގެ މުބާރާތުގައި ޖުމްލަ 48 ޓީމު ވާދަ ކުރާ އިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ޖަމަޖެހިފަ އެވެ. ފައިނަލް މެޗު ކުޅުމަށް ޖަމަޖެހިފައި ވަނީ ޖުލައި 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑީން 12 ޖަހާއިރު، އެމެރިކާގެ ނިއުޖާޒީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ