ވޯލްޑްކަޕް ވޯލްޑްކަޕް ވޯލްޑް ކަޕް 2026 ގެ ފެށުން ތިން ރަތް ކާޑުން، ފުރަތަމަ މޮޅު މެކްސިކޯއަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗު، މެކްސިކޯ ސިޓީގެ ތާރީހީ އެސްޓާޑިއޯ އެޒްޓެކާގައި މެކްސިކޯއިން ކާމިޔާބުކޮށްފިއެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އިން ވަނީ ދެކުނު އެފްރިކާ އާއި ބައްދަލުކުރި މި ފުރަތަމަ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ފުރިހަމަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯ އިން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޖޫލިއަން ކިއުނިއޮނޭޒް ޖަހައިދިން ގޯލާއެކު މެކްސިކޯއިން މެޗުގެ ލީޑު ނެގިއެވެ. މި ގޯލާއެކު ދަނޑަށް ވަދެތިބި އެތައް ހާސް ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ.
ދެވަނަ ހާފުގައި ދެކުނު އެފްރިކާގެ ޓީމުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، މެކްސިކޯގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރައުލް ޖިމެނޭޒް ކާމިޔާބުކޮށްދިން ގޯލާއެކު މެކްސިކޯއިން މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދިއެވެ.
މި މެޗު ފާހަގަކުރެވިގެން ދިޔައީ ވަރަށް ހޫނު މެޗެއްގެ ގޮތުގައެވެ. މެޗުގެ ތެރޭގައި ރެފްރީ ވަނީ ޖުމްލަ ތިން ރަތް ކާޑު ދައްކާފައެވެ. ދެކުނު އެފްރިކާގެ ސްފެފެލޯ ސިތޯލޭ އާއި ތެމްބާ ޒްވާނޭއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުގެ އިތުރުން، މެކްސިކޯގެ ކެޕްޓަން ސީޒާ މޮންޓޭސްއަށް ވެސް ވަނީ މެޗުގެ ފަހުކޮޅު ރަތް ކާޑު ދައްކާފައެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ އަކީ މީގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކޮށްފައިވާ ދެ ޓީމެވެ. އެ ފަހަރުގެ މެޗު 1-1 އިން އެއްވަރުވި ނަމަވެސް، 16 އަހަރު ފަހުން މިއަދު ފެނިގެން ދިޔައީ މެކްސިކޯއިން ވަރަށް ތައްޔާރުވެގެން އައިސް ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައެވެ.
މި މޮޅާއެކު މެކްސިކޯއިން ވަނީ ގްރޫޕް އޭގެ އެއްވަނަ މަގާމަށް ވަގުތީ ގޮތުން ޖެހިލާފައެވެ. ރާއްޖޭގަޑިން މިއަދު ހެނދުނު 7:00 ގައި ގްރޫޕު އޭގައި ބައްދަލުކުރާނީ ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ