ތިން ރަތްކާޑު ދެއްކި މެޗުން މޮޅުވެ ފެށުން މެކްސިކޯ އަށް

މެކްސިކޯ ސިޓީ (ޖޫން 12) - ވޯލްޑް ކަޕުގެ އޯޕެނިން މެޗެއްގައި އެންމެ ގިނަ ރަތްކާޑު ފެނިގެންދިޔަ މެޗުން 2-0 އިން ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯ ފެށުން ރަނގަޅުކޮށްފި އެވެ.
މެކްސިކޯ، އެމެރިކާ އަދި ކެނެޑާ ގުޅިގެން ބާއްވާ މި އަހަރުގެ ވޯލްޑް ކަޕް ހުޅުވި މެޗު އޮތީ މެކްސިކޯ ސިޓީގެ މަޝްހޫރު އެޒްޓެކް ސްޓޭޑިއަމުގަ އެވެ.
މެކްސިކޯ ވަނީ މިރޭގެ މެޗުގެ ނުވަ ވަނަ  މިނިޓުގައި ލީޑު ނަގައިފަ އެވެ. ދެކުނު އެފްރިކާގެ ކެޕްޓަން އަދި ގޯލްކީޕަރު ރޮންވެން ވިލިއަމްސް ފަހަތުން މިޑްފީލްޑަރު ޔާޔާ ސިތޯލޭ އަށް ޖައްސާލި ބޯޅަ އޭނާ އަތުން ހޯދައި މި ގޯލު ޖަހައިދިނީ ހޫލިއަން ކުއިނޯނެސް އެވެ.
ދެ ވަނަ ހާފު ފެށިގެން ހަތަރު މިނިޓު ތެރޭ ސިތޯލޭއަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއީ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ މެކްސިކޯ ކުޅުންތެރިޔަކު ބިމާހަމަކޮށްލުމުންނެވެ. ދެކުނު އެފްރިކާ އިން އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް މެކްސިކޯގެ ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ޖަހައިދިނީ ރައުލް ހިމިނޭޒް އެވެ.
ދެ ވަނަ ރަތްކާޑު ދެއްކީ ދެކުނު އެފްރިކާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތެމްބާ ޒްވާނޭ އަށް 84 ވަނަ މިނިޓުގަ އެވެ. އެއީ މެކްސިކޯ ކުޅުންތެރިޔަކަށް ހަމަލާ ދިނުމުންނެވެ. އެއަށް ފަހު ދެކުނު އެފްރިކާއަށް ލިބުނު ހުސް ފުރުސަތަކަށް ހުރަސް އެޅުމުން މެކްސިކޯގެ ކެޕްޓަން ސެޒާ މަންޓެސް އަށް ވަނީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
މީގެ ކުރިން ދެ ފަހަރު ވޯލްޑް ކަޕް ހޯސްޓްކޮށްފައިވާ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލުމަށް 80،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.
މެކްސިކޯ ވަނީ މީގެ ކުރިން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި އެ ގައުމާ ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ އާއެކު ގުރޫޕް އޭގައި ހިމެނެނީ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް އެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 7 ޖަހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ