މަރާ ހަނގުރާމަކުރި ރައުލްގެ ފުރަތަމަ ވޯލްޑްކަޕް ލަނޑު: ރޮއްވާލީ ހިތްދަތި ހަނދާންތަކާއެކު

ސިކުނޑީގެ ނުރައްކާތެރި އަނިޔާއަކާއި، ފޯމު ގެއްލުމުގެ ހިތްދަތި ދުވަސްތަކަށްފަހު، މެކްސިކޯގެ އިތުބާރު ފޯވާޑް ރައުލް ހިމެނޭޒް ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ޖެހި ލަނޑާއެކު އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ލަނޑެއް ކާމިޔާބުކޮށްފައެވެ. މީގެ ހަ އަހަރު ކުރިން، ވުލްވްސްއަށް ކުޅެނިކޮށް އާސެނަލްގެ މެޗެއްގައި ބޮލަށް ލިބުނު ނުރައްކާތެރި އަނިޔާއަކާ ގުޅިގެން ސިކުނޑިއަށް ލޭ ފޭބުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެ، ކުއްލި ސާޖަރީއެއް ކުރަންޖެހުނެވެ. ނަމަވެސް، ހާއްސަ ހެޑްގިއަރެއް އަޅައިގެން އޭނާ އަލުން ދަނޑަށް އެނބުރި އައީ އެންމެން ހައިރާންކޮށްލަމުންނެވެ. އޭގެ ފަހުން 2022 ގެ ގަތަރު ވޯލްޑް ކަޕުން ފުރުސަތު ލިބުނު ނަމަވެސް، އޭނާއަށް ކުޅެން ޖެހުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އެ މުބާރާތް ނިންމާލަން ޖެހުނީ ވޯލްޑް ކަޕް ލަނޑެއް ކާމިޔާބު ނުކުރެވިގެންނެވެ. އަނިޔާއަށްފަހު ފޯމު ގެއްލި، ވުލްވްސް ދޫކޮށްލަން ޖެހުނު ނަމަވެސް، ފުލަމްއާ ގުޅިގެން ހިމެނޭޒް އޭނާގެ ކެރިއަރު އަލުން ބިނާކުރިއެވެ. މެކްސިކޯ ގައުމީ ޓީމުގައި އޭނާގެ މަގާމު ދިފާއުކުރުމަށްޓަކައި، އުއްމީދީ ޒުވާން ފޯވާޑް ސެންޓިއާގޯ ގިމެނޭޒްއާ ދެކޮޅަށް އޭނާއަށް ބޮޑު ވާދައެއް ކުރަންޖެހުނެވެ. އެހެންނަމަވެސް، އޭނާ ލަނޑު ޖެހުން ހުއްޓައެއް ނުލިއެވެ. ކެރިއަރުގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ޖެހުމަށްފަހު ރައުލް-- ގޯލްޑް ކަޕްގައި ތިން ލަނޑު ޖަހައި، އެމެރިކާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައިވެސް ލަނޑު ޖަހައިގެން މެކްސިކޯއަށް މުބާރާތް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އަދި އަމިއްލަ ގައުމުގައި ބޭއްވޭ މި ފަހަރުގެ ވޯލްޑް ކަޕަށް އޭނާ ކުރިމަތިލީ މެކްސިކޯގެ އެޓޭކް ކުރީލައިނުން ޖާގަ ކަށަވަރުކޮށްގެންނެވެ. އެންމެ ފަހުން، އޭނާގެ 4 ވަނަ ވޯލްޑް ކަޕް ބައިވެރިވުމުގައި، ފުރަތަމަ ގޯލާއެކު ދަނޑުމަތީގައި ބާރުބާރަށް ރޮއިގަތް މަންޒަރުން، އޭނާ ކުރި ބުރަ މަސައްކަތާއި ހިތުގެ އިހުސާސްތައް މުޅި ދުނިޔެއަށް ސާފުކޮށް ހާމަވެގެން ހިނގައްޖެއެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި މެކްސިކޯއިން ވަނީ 2-0 އިން ދެކުނު އެފްރިކާ ބަލިކޮށްފައެވެ. މަޝްހޫރު އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެކްސިކޯގެ ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫލިއަން ކީނިއޯނެސް އެވެ. އަދި މެކްސިކޯގެ ލީޑު ފުޅާކޮށް، މެޗުން މޮޅުވި ލަނޑު 66 ވަނަ މިނެޓުގައި ބޮލުން ޖަހައިގެން ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒް އެވެ. ދެކުނު އެފްރިކާގެ ދެ ކުޅުންތެރިއަކަށާއި މެކްސިކޯގެ ސެސާ މޮންޓެސްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، މެޗު ނިމުނުއިރު ދަނޑުމަތިން ފެނުނީ ވަރަށް ފޯރިގަދަ އަދި ހޫނުގަދަ ކުރިމަތިލުމެކެވެ. ސެންޓިއާގޯ ގިމެނޭޒް އަކީ މިހާރު މެކްސިކޯއިން އުފެދެމުން އަންނަ އެންމެ އުއްމީދީ އަދި ނުރައްކާތެރި އެއް ފޯވާޑެވެ. އާޖެންޓީނާއަށް އުފަންވި ނަމަވެސް، އޭނާ ބޮޑުވެ ފުޓްބޯޅަ ކެރިއަރު ބިނާކުރީ މެކްސިކޯގައެވެ. އޭނާގެ ބައްޕަ ކްރިސްޓިއަން ޗާކޯ ގިމެނޭޒް އަކީވެސް މެކްސިކޯގެ ކްލަބް ކުރޫޒް އަޒުލްއަށް ކުޅުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ