10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވެފައިވާ ވައުދަކާ ގުޅިގެން، އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ މައްޗަށް އެމެރިކާއިން އުފުލާފައިވާ ޖިނާއީ އަދި މަދަނީ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އަދާނީގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތުގެ ޖިނާއީ ދައުވާތައް ބާތިލުކުރުމަށް ނިންމާފަ އެވެ. މީގެ އިތުރުން، އޭނާގެ ކުންފުންޏަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބުނާ މައްސަލަތައް ވެސް ވަނީ އެއްބަސްވުމެއްގެ ދަށުން ނިންމާލާފަ އެވެ.
އެމެރިކާގެ ޕްރޮސެކިއުޓަރުން ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި، އަދާނީ ގްރީން އެނާޖީން އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް ހުއްދަ ހޯދުމަށް އިންޑިއާގެ އޮފިޝަލުންނަށް 265 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމުގައި އަދާނީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ކުންފުންޏަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށް ދައްކައިގެން، އިންވެސްޓަރުންނާއި ބޭންކުތަކަށް އޮޅުވާލައި 3 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް، އަދާނީ ގްރޫޕުން ވަނީ މި ހުރިހާ ތުހުމަތުތަކެއް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
މި ނިންމުން ނިންމާފައިވަނީ އަދާނީގެ ވަކީލު ދެއްކެވި ވާހަކަތަކަކަށް ފަހުގަ އެވެ. އޭނާއަކީ ރައީސް ޓްރަމްޕްގެ ވެސް އަމިއްލަ ވަކީލެވެ. ވަކީލު ވިދާޅުވި ގޮތުގައި، އަދާނީ ބޭނުންވެވަޑައިގަތީ އެމެރިކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާށެވެ. ނަމަވެސް މި މައްސަލަތައް ކުރިއަށްދާތީ އެކަން ކުރެވެން ނެތީ އެވެ.
ވަކި މައްސަލައެއްގެ ގޮތުގައި، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އަދާނީ އެންޓަޕްރައިޒަސް އިން ވަނީ 275 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެފަ އެވެ. އެއީ އީރާނުގެ އެލްޕީޖީ ގޭހަކީ އޮމާން އަދި އިރާގުގެ އެއްޗެއް ކަމަށް ދައްކައިގެން، ދުބާއީގެ ވިޔަފާރިވެރިއެއް މެދުވެރިކޮށް އެތެރެކުރި ކަމަށް ބުނާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.
އެ ކުންފުނިން މިހާރު ވަނީ އިންޑިއާއަށް އެލްޕީޖީ އެތެރެކުރުން ހުއްޓާލާފަ އެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އިސް މަގާމެއް ވެސް ކުންފުނީގައި ވަނީ އުފައްދާފަ އެވެ.
މީގެ އިތުރުން، ރިޝްވަތުގެ މައްސަލަތަކާ ގުޅިގެން އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)އާ އެކު ވެސް އަދާނީ ވަނީ މަދަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ކޯޓުން އެކަން ފާސްކުރުމުންނެވެ.
10 ބިލިއަން އިންވެސްޓްކުރާތީ އިންޑިއާގެ އަދާނީގެ ދައުވާތައް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ