އަންނަ ހުކުރު ދުވަހު ނޭޕާލުގައި ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަރުގަދަ ގައުމުތަަކާ ކުޅެން ޖެހޭއިރު، އަމާޒުހުރީ ރާއްޖޭގެ ރޭންކިން ރަނގަޅު ކުރެވޭވަރުގެ ނަތީޖާ އަކަށް މަސައްކަތް ކުރުން ކަމަށް ޓީމުގެ ތަރި، ފާތިމަތު ޖޫޒާން ޒަރީރު ބުނެފި އެވެ.
މި މަހު 22-29 އަށް ކުރިއަށްދާ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީ ނޭޕާލާއި ކިރްގިސްތާން އަދި އިންޑިއާ އެވެ. ރާއްޖޭން މުބާރާތުގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ކިރްގިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 23 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި، 24 ވަނަ ދުވަހު ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާ ދެކޮޅަށެވެ.
މި މުބާރާތުގެ އަނެއް ގްރޫޕްގައި ވާދަކުރާނީ އިރާން، ކަޒަކްސްތާން، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ.
ސޯޝަލް މީޑިއާގައި، ގައުމީ އަންހެން ޓީމުގެ ސެޓަރު، ޖޫޒާން ކުރި ޕޯސްޓެއް ބުނެފައިވަނީ، ކާވާ މުބާރާތުގައި ރާއްޖެ ކުޅެން ޖެހެނީ ރޭންކިންގެ ގޮތުން ބަލާއިރު އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށެވެ. އެ ގޮތުން، އިރާން، އިންޑިއާ، ކަޒަކްސްތާން އަދި ނޭޕާލް ފަދަ ކާވާގެ އެންމެ މަތީ ލެވަލް ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭ މި މުބާރާތުން އަމާޒުކުރަނީ ހަގީގަތުގައި އޮތް ހާލަތަށް ވިސްނައި، ރަން މެޑަލަށް ނޫން ކަމަށް ޖޫޒާން ފާހަގަކުރި އެވެ.
"ރާއްޖެ މި އޮތީ މި ފާހަގަކުރި ގައުމުތަކާ އަޅާކިޔާއިރު ރޭންކިންގައި މާ ފަހަތުގައި. އަހަރެމެން މި މުބާރާތުގައި މި ވާދަކުރަނީ ރަނގަޅު ނަތީޖާތަކެއް ނެރުމުގެ އުންމީދާ އެކު ރާއްޖޭގެ ރޭންކިން ރަނގަޅު ކުރުމުގެ އަމާޒާ އެކު،" ޖޫޒާން ބުންޏެވެ.
"ކޮންމެ މެޗެއްގައި ވެސް އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރާނަން. ސްކޯ ކުރިއަށް ވުރެން ރަނގަޅު ކުރުމާ އެކު، އޭޝިއާގެ ގަަދަ ބާރުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުން އަޒުމަކީ. ގައުމަށް ރަން މެޑަލް ގެނެސްދޭނެ ކަމުގެ މާ ބޮޑެތި އުންމީދުތަކެއް ދިނުމަށް ވުރެން އަހަރެމެން މަސަްކަތް ކުރާނީ، ގައުމު ފަހުރުވެރިވާވަރުގެ މަސައްކަތްތަކެއް ހިތްވަރާ އެކު މި ޓީމުތަކާ ދެކޮޅަށް ދައްކައި ކުރިއަށްދިއުމަށް"
ޖޫޒާން ވަނީ ގައުމީ އަންހެން ޓީމަށް ސަޕޯޓަރުން ދެމުން އަންނަ ހިތްވަރަށް ޝުކުރު އަދާކޮށްފަ އެވެ.
ކާވާ މުބާރާތުގައި މި ފަަަހަރު ވެސް ގައުމީ އަންހެން ޓީމުގެ ކޯޗަކީ، މުހައްމަަދު ނަދީމް (ނަދީމްބެ) އެވެ. ނަދީމްބެގެ އިރުޝާދުގެ ދަށުން، ގައުމީ އަންހެން ވޮލީބޯޅަ ޓީމުން މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ މާލޭގައި ބޭއްވި ކާވާ ވިމެންސް ކަޕްގައި ކުޅެފަ އެވެ. ހަތަރު ގައުމު ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ބަލިކޮށް ހޯދީ ކިރްގިސްތާން އެވެ. ލީގު ބުރުގައި ރާއްޖޭން ކިރްގިސްތާން ބަލިކުރި ނަމަވެސް ފައިނަލުގައި ބަލިވީ އެވެ.
ކާވާ މުބާރާތަށްދާ ރާއްޖޭގެ ޓީމުގެ ކެޕްޓަނަކީ، ތަޖުރިބާކާރު ކުޅުންތެރިޔާ، ހައްވާ ރާޝިދާ (ހައްވަ) އެވެ. ދެން ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، ހައްވާ ނާޒިމާ، އަލްޔާ އަހުމަދު، އަމިނަތު އަރީޝާ (އަރީ)، އައިމިނަތު މާނާ ނާޒިމް، ހައްވާ ސަހާ، އައިމިނަތު ޝަހާ ޝާމިން، ފާތިމަތު ޖޫޒާން ޒަރީރް، ލީމް އަހުމަދު ލަތީފް، މައިހާ އަލީ، މިންނަތު އަހުމަދު، މާސާ ފާރޫގު އަދި މާޔާ ހުސައިން ސޮލާހް އެވެ.
މި ފަަހަރުގެ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގައި ފުރަތަމަ އޮންނާނީ، ގްރޫޕް ސްޓޭޖެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމަށް ފަހު، ދެން އޮންނާނީ ރޭންކިން ބުރެކެވެ. ކްލަސިފިކޭޝަން ރައުންޑްގެ ނަމުގައި ކުޅޭ މި ބުރުގައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން 5-8 ވަނަ އަށް ދާ ގައުމުތައް ރޭންކް ކުރެވިގެންދާނެ އެވެ. އެ ބުރުގެ މެޗުތައް އޮންނާނީ، މި މަހުގެ 26 އާއި 27 ވަނަ ދުވަހު އެވެ. އަދި، މުބާރާތުގެ 28 އާއި 29 ވަނަ ދުވަހު އޮންނާނީ ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.
ކާވާ މުބާރާތުގައި ގައުމީ އަންހެން ޓީމުގެ އަމާޒު ރާއްޖޭގެ ރޭންކިން ރަނގަޅު ކުުރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ