ލޮސް އެންޖެލެސް (ޖޫން 29) - ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް، މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
މިއީ ކެނެޑާ އާއި ދެކުނު އެފްރިކާ ވެސް ގުރޫޕް ސްޓޭޖް ފަހަނައަޅައި ނޮކައުޓް ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
ހަމަހަމަކޮށް ދިޔަ ފުރަތަމަ ހާފުގެ ފަހު ވަގުތު ކެނެޑާ އިން ވަނީ ދެކުނު އެފްރިކާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން 44 ވަނަ މިނިޓުގައި ނެގި ކޯނަރަކުން މޮއީސޭ ބޮމްބީޓޯ ބޮލުން ފޮނުވާލި ހަމަލާ، އެފްރިކާގެ ޑިފެންޑަރު އައުބްރޭ މޮޑީބާ ގޯލު ލައިން މަތިން ދިފާއު ކުރި އިރު، ރީބައުންސް ބޯޅަ ޓަޔޯން ބުޗްނާން ފޮނުވާލުމުން ކީޕަރު ރޮންވެން ވިލިއަމްސް ދިފާއު ކުރި އެވެ.
އޭގެ މިނިޓެއް ފަހުން ދެކުނު އެފްރިކާގެ ކުލީސޯ މުޑާއޫ، ކެނެޑާގެ ރިޗީ ލާޔެއާ އަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި ނަމަ ވެސް ވީއޭއާރު ރިވިއު އަށް ފަހު ވަނީ ނިންމުން ބަދަލު ކޮށްފަ އެވެ.
މެޗުގެ 65 ވަނަ މިނިޓުގައި ކެނެޑާގެ ތާނީ އޮލުވަސޭޔީ ހޯދި ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދެކުނު އެފްރިކާގެ ކީޕަރު ވިލިއަމްސް ވަނީ ދިފާއު ކޮށްފަ އެވެ. އަދި ގޯލު ކުރިމައްޗަށް ބޯޅަ ހުސްވަނިކޮށް ޖޮނަތަން ޑޭވިޑް ބޯޅައަށް އެރުމުގެ ކުރިން އެފްރިކާގެ ޑިފެންޑަރު އެމްބެކެޒޭލީ އެމްބޮކާޒީ ވަނީ ކްލިއާ ކޮށްލައިފަ އެވެ.
އަނިޔާގެ ސަބަބުން މުބާރާތުގައި އަދި މެޗެއް ނުކުޅެވި ހުރި ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވިސް މެޗުގެ ފަހު 15 މިނިޓަށް ވަނީ ކުޅެން އަރައިފަ އެވެ. އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ އަކީ މި އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ޒުވާން ކެޕްޓަނެވެ.
އޭނާ ކުޅެން ނުކުމެ ކެނެޑާ ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅެން ފަށައި ފޮނުވާލި ފުރަތަމަ ހަމަލާ ޕްރޮމިސް ޑޭވިޑް ފޮނުވާލުމުން ގޯލު އަރިމަތީ ކައިރިން ބޭރަށް ދިޔަ އިރު، ޖޮނަތަން ޑޭވިޑްގެ ހަމަލާއެއް ކީޕަރު ވިލިއަމްސް ވަނީ ދިފާއު ކޮށްފަ އެވެ.
ކެނެޑާ މޮޅުވި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން ދެވަނަ މިނިޓުގައި ޖެހީ، ޑޭވިސް ނެތި ޓީމު ލީޑު ކުރި ކެޕްޓަން ސްޓެފަން ޔޫސްޓޭކިއޯ އެވެ. އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.
މިއީ، ވޯލްޑް ކަޕްގެ ކޯ ހޯސްޓެއް ގައުމުން ބޭރުގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.
ތިން ގައުމުގައި ބާއްވާ މި މުބާރާތުގެ ގަދަ 32 ޓީމު ވާދަ ކުރާ ބުރުގެ ޖުމްލަ 16 މެޗުގެ ތެރެއިން 12 މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގަ އެވެ. ކެނެޑާގައި ދެ މެޗު އަދި މެކްސިކޯގައި ދެ މެޗު ކުޅުމަށް ވަނީ ޖަމަޖެހިފަ އެވެ.
ކެނެޑާ އަށް ގުރޫޕްގެ އެއްވަނަ ނުލިބުމުން އަމިއްލަ ފަސްގަނޑުގައި ނޮކައުޓް ބުރު ކުޅުމުގެ ފުރުސަތު ގެއްލުނަސް މި ބުރުގައި އެމެރިކާ އާއި ބޮސްނިއާ އެންޑް ހާޒިގޮވީނާ ބައްދަލު ކުރާ މެޗު ކުޅޭނީ އެމެރިކާގަ އެވެ. އަދި މެކްސިކޯ އާއި އެކުއެޑޯ ބައްދަލުކުރާ މެޗު ކުޅޭނީ މެކްސިކޯގަ އެވެ. އެމެރިކާ އާއި މެކްސިކޯ ވެސް ވަނީ ވާދަ ކުރި ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
އެމެރިކާގެ ހިއުސްޓެންގައި ކެނެޑާ ކުޅޭ ގަދަ 16 ގެ މެޗުގައި ބައްދަލު ކުރާނީ ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
ފަހު ވަގުތު ދެކުނު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ